އީދު ޗުއްޓީއަށް ލ. ގަމަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން 50 އަހަރުގެ މީހަކު ގެއްލިގެން ރޭ 11:24ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ ތުނޑީ އަވަށު މިސްކިތް ކައިރިން ރޭ 11:10ގައި ކަމަށް ފުލުހުން ބުނެ އެވެ. އޭރު އެމީހާ ލައިގެން ހުރީ ގަދަ އަޅި ކުލައެއްގެ ގޮޅި ޖެހި ގަމީހަކާއި ގަދަ ކުލައެއްގެ ފަޓުލޫނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.

ގަމުގައި ހުންނަ ސަންގެ ކޮރަސްޕޮންޑެންޓް އަލީ ވާފިރު މިއަދު ސަން އަށް ބުނީ ގެއްލިގެން ހޯދަމުން ދަނީ ގ. ވޯޓަލޫ އަބުދުﷲ ނަސީރު ކަމަށެވެ. އަދި އޭނާ އަކީ އެރަށު މީހަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި އޭނާ މިފަހަރު އެރަށަށް ދިޔައީ އީދު ޗުއްޓީ އަށް ކަމަށެވެ.

އަބުދުﷲ ނަސީރަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް ހަރަކާތްތެެރިވާ މީހެކެވެ.

ވާފިރު ބުނީ އިއްޔެ ވެސް އީދު މަޖާނެގުމުގައި އޭނާ ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް ރޭ 11ގެ ފަހުން ހަބަރެއް ނުވުމުން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށެވެ.

އޭނާ ބުނީ އަބްދުﷲ ނަސީރުގެ ފޯނަށް މިހާރު ވެސް ރިންގްވާ ކަމަށެވެ.