08 Oct 2014, 00:30
އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕްގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ ހަމަޖައްސަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ފަލަސްތީނުގެ މީޑިއާ ތަކުން ބުނެފައިވަނީ، މަރަޑޯނާ ވަރަށް އަވަހަށް ފަލަސްތީނުގެ ގައުމީ ޓީމާ ހަވާލުވާނޭ ކަމަށެވެ. އެހެން ނަމަވެސް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ސުޒާން ޝަލަބީ ވިދާޅުވީ އެއީ ހަމަ "ފެތުރިފައިވާ އަޑުތަކެއް" ކަމަށެވެ.
ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ހަވާލާދީ ޝަލަބީ ވިދާޅުވީ، "މިފަހަރުވެސް ހުންނާނީ ފަލަސްތީނު ކޯޗެއް،" ކަމަށެވެ.
އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން 2008 އިން 2010 އަށް ކޮށްފައިވާ މަރަޑޯނާ ވަނީ، 2010 ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގެ ކްލަބެއް ކަމަށްވާ އަލް ވަސްލަށް ކޯޗުކޮށްދީފައެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއަށް އެ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީ، އެފަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.
މަރަޑޯނާ މީގެ ކުރިން ވަނީ ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލައިފައެވެ. އަދި ފަލަސްތީނުގައި ސުލްހަ ގާއިމުކުރުން ޕްރޮމޯޓް ކުރުމަށް މީގެ ދުވަސްކޮޅެއް ކުރިން އިޓަލީގައި ބޭއްވި ޗެރިޓީ މެޗެއްގައި ވެސް އުމުރުން 53 އަހަރުގެ މަރަޑޯނާ ބައިވެރިވެފައި ވެއެވެ.