ސައިނާގައި މިސްރުގެ އަސްކަރިއްޔާއިން ހިންގި އެންޓި-ޓެރާ ސެކިއުރިޓީ އޮޕްރޭޝަނެއްގައި، އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އަލްގައިދާއާ ގުޅުން ހުރި ހަނގުރާމަ ވެރި ޖަމާއަތެއް ކަމަށްވާ އަންސާރު ބައިތުލް މަގުދިސް ޖަމާއަތުގެ 17 ހަނގުރާމަވެރިން މަރާލާފައިވާކަމަށް މިސްރުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ބުނީ، މިސްރުގެ ސަލާމަތީ ބާރުތަކުން މިއަދު ހަގުރާމަވެރިންނާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާގައި އެ ޖަމާއަތުގެ ބާރުގަދަ ހަތަރު ލީޑަރަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ ހަނގުރާމަވެރިން ފިލަންވަދެ ތިބި ތަންތަން ކަމަށް ބެލެވޭ ޝެއިހު ޒުވެއިދުގެ ދެކުނުން އޮން ތިން އަވަށަކާއި، މިސްރާއި ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ރަފަހްގެ އަވަށެއް ކަމަށްވާ މަހްދިޔާގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ އަލް އަރަބިއްޔާގައި ވެއެވެ.

މިސްރުގައި 2013 ވަނަ އަހަރު އެގައުމުގެ ކުރީގެ ރައީސް މުހައްމަދު މޫރުސީގެ ވެރިކަން ވައްޓާލިފަހުން އެގައުމުގައި ދީފައިވާ ބޮޑެތި ހުރިހާ ހަމަލާތަކެއްގެ ޒިންމާ ނަގާފައިވަނީ، އަންސާރު ބައިތުލް މަގްދިސްއިންނެވެ.