23 Jan 2011, 11:44
ގދ. ތިނަދޫގައި ކައުންޓަރެއް މައްޗަށް ވެއްޓި ބޯފަޅައިގެން ގޮސް ދަތެއް ވެޓުނު މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.
ގދ. ތިނަދޫ ރީޖަނަލް ހޮޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫ ދިރާގު އޮފީހުގައި މަސައްކަތްކުރާ ފިރިހެނަކު ރޭ 8:00 އެހާ އިރު، އަނބުރައިގަނެގެން ދިރާގުގެ ކައުންޓަރު މައްޗަށް ވެއްޓި ބޯ ފަޅައިގެން ގޮސް ދަތެއް ވެއްޓިގެން ފަރުވާ ދޭން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ބުނީ ފަހުން އިތުރު ފަރުވާ ދިނުމަށް ރޭ މާލެ ފޮނުވާފައިވާ ކަމަށެވެ. ފަރުވާ ދިނުމަށް މާލެ ގެނައީ ތިނަދޫގެ 22 އަހަރުގެ ޒުވާނެކެވެ.
ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވީ އިތުރު ފަރުވާ ދިނުމަށް އެ ޒުވާނާ މާލެއަށް ފޮނުވި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ދިރާގުގައި މަސައްކަތްކުރާ މީހާ މާލެއަށް ގެނެސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގއ. ވިލިނގިއްޔާއި ކޮލަމާފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތް ފްލައިޓުންނެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތް ފްލައިޓުން ބަލި މީހަކު މާލޭ ގެނައުމުގެ ހުއްދަ ރައީސް ދެއްވި ކަމަށެވެ.
"ސެކިއުރިޓީގެ ގޮތުންނާއި އެހެން ގޮތްގޮތުން ބެއްލެވުމަށް ފަހު އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ބޯޓުން ބަލި މީހަކު ގެނައުމަށް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވި. އަދި އެމީހާގެ ހާލު ބައްލަވައިލެއްވުމަށް ވެސް ރައީސް ވަޑައިގެންނެވި،" ޒުހައިރު ވިދާޅުވި އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން މިއަދު ވިދާޅުވީ ތިނަދޫގައި ހުންނަ ދިރާގުގެ ބްރާންޗްގައި ހިދުމަތްދޭ ކައުންޓަރުން މީހަކު ބަލިވެގެން މާލެ ގެނައި ކަމަށެވެ.
"ދިރާގުގެ ހިދުމަތްދޭ ކައުންޓަރުން މީހަކު ބަލިވެގެން ގެނައި. ޓަވަރުން މީހަކު ވެއްޓުނު ކަމަށް ބައެއް މީޑިއާތަކުން މައުލޫމާތު ދިން ވާހަކަ އަޑު އެހިން. އޭއީ ދޮގެއް،" މިރުޝާން ވިދާޅުވި އެވެ.