07 Oct 2014, 23:32
ނިމިދިޔަ ހޫނުމޫސުމުގެ ޓްރާންފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ގެންދަން ފްރާންސްގެ މޮނާކޯއިން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް އެ މަސައްކަތް އަދި ކާމިޔާބު ކުރެވޭނެ ކަމަށް މޮނާކޯގެ ވައިސް ޕްރެޒިޑެންޓް ވަޑީމް ވަސިޔެފް ވިދާޅުވެއްޖެ އެވެ.
ރޫނީ ވަނީ 2013 ވަނަ އަހަރުގެ ސަމާ ޓްރާންފާއާ ދިމާކޮށް 'ޓްރާންސްފާ ރިކްއެސްޓް'އަކަށް އެދިފައި ކަމަށް ޔުނައިޓެޑްގެ އޭރުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި މޮނާކޯއިން ފުރަތަމަ ރޫނީ ހޯދަން ބިޑް ކޮށްފައި ވަނީ، ފާގަސަން ކޯޗުކަމުން ވަކިވެ ޑޭވިޑް މޮއެސްއާ ކޯޗުކަން ހަވާލުކުރި ދުވަސްވަރު އެވެ.
އެފަހަރުގެ ޓްރާންސްފާގައި ރޫނީ ޓީމަކަށް ބަދަލު ނުވީ، ޔުނައިޓެޑުން އޭނާގެ މުސާރަ ހަފްތާއަކު 300،000 ޕައުންޑަށް ބޮޑުކޮށް ފަސްއަހަރާ ބައިގެ އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ. އެހެން ނަމަވެސް އިންގްލެންޑް އަދި ޔުނައިޓެޑްގެ ކެޕްޓަން މޮނާކޯއަށް ގެންދިއުމަކީ ނުވާނޭ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވަސިޔެފް ވިދާޅުވި އެވެ.
"މީގެ އަހަރެއް ކުރިން އަހަރެމެން ދިޔައީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އަދި އިންގްލެންޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ވާހަކަ ދައްކަމުން،" ވަސިޔެފް ރިޕޯޓަރުންނަށް ވިދާޅުވި އެވެ. "އެކަމަކު އޭރު އެކަންތައް ދިޔައީ މޭޒުމަތީގައި. އެފަހަރު އެކަން ނުވި. އެހެނެއް ކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އެކަން ކާމިޔާބު ކުރެވޭނެ ދުވަހެއް އަންނާނެ."
ފްރާންސް ލީގުގައި މިދިޔަ ސީޒަންގައި ދެވަނައަށް ދިޔަ ހިސާބުން މޮނާކޯއިން ވަނީ ކުޅުންތެރީން ހޯދުމަށް އެ ކްލަބުން ކުރަމުންގެންދިޔަ ބޮޑެތި ހޭދަތައް މަޑު ޖައްސާލައިފައެވެ. އަދި، އެ ކްލަބުގެ ޖޭމްސް ރޮޑްރިގޭޒް ރެއާލް މެޑްރިޑާ ގުޅިފައިވާއިރު، ރަޑެމަލް ފަލްކާއޯ ވަނީ، ލޯނުއެއްބަސްވުމެއްގައި ރޫނީގެ މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައެވެ.
މިސީޒަންގައި މޮނާކޯ މިހާތަނަށް ނުވަމެޗު ކުޅެގެން ތިން މެޗުން މޮޅުވެފައިވާ އިރު، އެ ކްލަބު ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނޭ ކަމަށް ވަސިޔެފް ވަނީ ވިދާޅުވެފައެވެ.
"އަހަރެން މޮނާކޯއާ އެހެން ކްލަބްތަކާ އަޅައެއް ނުކިޔަން،" އޭނާ ވިދާޅުވި އެވެ. "އަހަރެމެންގެ އުންމީދަކީ ފްރާންސް ލީގު ހޯދުން. މިއީ ތެދެއް. އަހަރެން ބޭނުމެއް ނޫން ޓައިމް ފްރޭމެއް ދޭކަށް. އެކަމަކު ވަރަށް އަވަހަށް އެކަން ކާމިޔާބުކުރެވޭތޯ މަސައްކަތްކުރާނަން."
ވަސިޔެފް ވިދާޅުވީ، މޮނާކޯއަކީ ޔޫރަޕްގެ މުހިއްމު ކްލަބަކަށް ހެދޭނެ ކަމަށާއި އަދި ޗެމްޕިއަންސް ލީގުގައި ގަވާއިދުން ކުޅޭ ކްލަބަކަށް އެޓީމު ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.