އަޟްހާ އީދު ބަންދުގައި ރަށްރަށުގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެ، އަދި އީދު ބަންދަށް ފަހު ކްލަބުގެ ފަރިތަކުރުންތަކަށް ލަހުން ހާޒިރުވި ތިން ކުޅުންތެރިއަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަދަބު ދީފި އެވެ.

ނިއުގެ ވެބްސައިޓްގައި ވާގޮތުން ކްލަބުގެ ގަވާއިދުތަކަށް އިހްތިރާމް ކޮށްފައި ނުވާތީ "ޑިސިޕްލިނަރީ އެކްޝަން" ނަގާފައިވަނީ، އަލީ ފާސިރު (ސެންޓޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާއި މުހައްމަދު ރަޝީދު (ހޮކޭ)ގެ މައްޗަށެެވެ.

އީދުބަންދުގައި ރަށެއްގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުލަބުގެ ހުއްދައަކާ ނުލައި ބައިވެރިވެފައިވާތީއާއި، އީދު ބަންދަށް ފަހު ކްލަބުގެ ޕްރެކްޓިހަށް ހާޒުރުވެފައި ނުވުމުގެ ސަބަބުން ނިއުއިން ވަނީ، އެކްލަބު އެންމެ އަވަހަށް ކުޅޭ ވާދަވެރި ފުޓްބޯޅަ މެޗުގައި ނުކުޅެވޭ ގޮތަށް ސެންޓޭ ސަސްޕެންޑް ކޮށްފައެވެ. އަދި ކްލަބުގެ ކްލަބުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި އާންމުންގެ ކިބައިން މާފަށް އެދުމަށް ވެސް ނިއުއިން ސެންޓޭއަށް އަންގާފައި ވެއެވެ.

"ސެންޓޭ ވަނީ އޭނާއާ މެދު އަޅާފައިވާ ޑިސިޕްލިނަރީ ފިޔަވަޅު ގަބޫލުކޮށްފައި. އަދި ކްލަބުން ވަރަށް އުފާވޭ އޭނާ އެކަމަށް މާފަށް އެދުމުގެ އިތުރުން މުސްތަގުބަލުގައި އެފަދަ ކުށެއް ތަކުރާރު ނުކުރާނޭ ކަމުގެ ޔަގީންކަން ދީފައިވާތީ،" ނިއުގެ ވެބްސަޓުގައި ވެއެވެ.

ހަމްޕުއާއި ހޮކޭއަށް ވެސް އަދަބު ދީފައިވަނީ، އީދުބަންދުގައި ރަށުފެންވަރުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ބައިވެރި ވުމާއި އީދު ބަންދަށް ފަހު ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ އެވެ. އެ ގޮތުން މި ދެ ކުޅުންތެރިން، އާންމުންގެ ފަރާތުން މާފަށް އެދުމާއި، ކްލަބުގެ ކޯޗިން ސްޓާފުންގެ ފަރާތުން މާފަށް އެދުމަށް ވެސް އަންގާފައި ވެއެވެ.

"ހަމްޕުއާއި ހޮކޭއާ ދެ ކުޅުންތެރީން ވެސް ވަނީ، އެމީހުންގެ ކުށް ގަބޫލުކޮށް މާފަށް އެދިފައި. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމަށާއި ކްލަބުގެ ގަވާއިދުތަކަށް އިހްތިރާމު ކުރާނޭ ކަމުގެ ޔަގީންކަށް ދީފައި ވަނީ،" ނިއުއިން ބުނެފައިވެއެވެ.

ނިއުރޭޑީއަންޓުން ބުނީ، އީދުބަންދުގައި އެފަދަ ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވިކަން އެނގިފައިވާ އެ ކްލަބުގެ އެހެން ކުޅުންތެރީން ނަށްވެސް އެގޮތަށް މާފަށް އެދުމަށް އަންގާފައި ވާނޭ ކަމަށާއި އަދި އިއްޔެގެ ފަރިތަކުރުން ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންވެސް ކްލަބުން އެންގި ގޮތަށް އަމަލުކޮށްފައި ވާކަމަށެވެ.

"ކްލަބުން ވާނީ، އެ ކުޅުންތެރިން މިފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ އިތުރު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައި،" ނިއުއިން ބުނެފައިވެއެވެ.

ނިއުއިން ދެން އެންމެ އަވަހަށް ވާދަވެރި މެޗެއް ކުޅޭނީ، ދިރާގު ދިވެހި ލީގުގައި އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.