ޕާކިސްތާނުގެ މިލިޓަންޓުންގެ ޓްރޭނިން ކޭއްޕެއް ކަމަށް ބެލެވޭ ތަނަކަށް އެމެރިކާގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އަށް މީހުން މިއަދު މަރާލައިފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީ އިން މިއަދު ބުނީ ވޭތުވެ ދިޔަ މަހުގައި އެމެރިކާގެ ހަމަލާތައް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ހަމަލާއަކީ ވޭތުވެ ދިޔަ ތިން ދުވަހު ދިން ތިނެއް އަދި ހަތަރު ވަނަ ހަމަލާ ކަމަށެވެ.

މީހަކާ ނުލައި އުދުހޭ ޑްރޯންގެ ފުރަތަމަ ހަމަލާ، ހުޅަނގު ވަޒަރިސްތާނުގެ މިލިޓަންޓް ކޭޕްއެއް ކަމަށް ބެލެވޭ ތަނަކަށް މިއަދު ރޯމާ މެންދުރު ދުވާލު ދިން ހަމަލާގައި ދެ މީހުން މަރުވެ، ހަތަރު މީހުން ޒަހަމުވެފައިވާ ކަމަށް ރޮއިޓާސް އަށް މައުލޫމާތު ދިން މީހުން ބުނި ކަމަށް އެ އެޖޭންސީ އިން ބުންޏެވެ.

އެ ސަރަހައްދަކީ ތޯލިބާނުންނާއި އަލްގާއިދާގެ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށް ތުހުމަތުކޮށް އެމެރިކާގެ އަމާޒުފަތްގަނޑަކަށް ހަދާފައިވާ ތަނެއް ކަމަށް ނޫސްތައް ބުނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ ހަމަލާއަކީ ތޯލިބާނުންގެ ކޮމާންޑަރަކު މަރާލުމަށް ދިން ހަމަލާ އެކެވެ. ނަމަވެސް އެ ސަރަހައްދަކީ ނޫސްވެރިންނަށް ވާސިލުވެވޭ ތަނަކަށް ނުވާތީ އެކަން ކަށަވަރު ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ޓްރައިބަލް އޭރިއާ އަށް އެމެރިކާ އިން ދެމުންދާ ޑްރޯން ހަމަލާތަކަކީ އާންމުންގެ ތެރޭގައި އެހާ މަގުބޫލު ހަމަލާތަކެއް ނޫން ކަމަށް ބީބީސީ އިން ބުންޏެވެ.

އެމެރިކާގެ ހަމަލާތައް ޕާކިސްތާނުން ރަސްމީކޮށް ކުށްވެރި ކުރެ އެވެ. އެއީ މިނިވަން ދައުލަތެއްގެ މިނިވަން ކަމަސް އަރައިގަންނަ ކަމަށް ބުނެ އެވެ. ނަމަވެސް ކަރެސްޕޮންޑެންޓުން ބުނަނީ އަޑިއަޑިން ޕާކިސްތާނުގެ ރުހުން އެ ހަމަލާތަކަށް އޮންނަ ކަމަށެވެ.