މާލޭގައި ހަދަމުންދާ އިމާރާތެއްގެ 10 ވަނަ ބުރިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ މީހަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ޢަލީ ހަބީބު ވިދާޅުވީ، އިމާރާތެއްގެ 10 ވަނަ ބުރިން ވެއްޓުނު މީހަކު މިރޭ 8:00 އެހައިކަންހާއިރު، އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެމީހާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

މަރުވި އިންޑިއާ މީހާ ވެއްޓުނު އީމާރާތް -- ސަން ފޮޓޯ: ކިޔުންތެރިއެއް

"އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނީ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ މަރުވެފައި،" ޒީނަތު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:15 އެހައިކަންހާ އިރު ކަމަށެވެ. އަދި

މަންޒަރު ދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި މއ. އެއްސަންގެއާ ޖެހިގެން ހުރި، ހަދަމުންދާ އިމާރާތެއް ކަމަށްވާ "ސަންޓާނާ ޓަވަރު" އިމާރާތުގެ 10 ވަނަ ބުރިން އެމީހާ ވެއްޓުނީ، އެއްސަންގޭ ފުރާޅު މައްޗަށް ކަމަށެވެ.
އެމީހާ ވެއްޓި ޖެހުނު މއ. އެއްސަންގޭ ފުރާޅުމަތި -- ސަން ފޮޓޯ: ކިޔުންތެރިއެއް

"އެމީހާ ވެއްޓި ޖެހުނީ، ޖެހިގެން ހުރި އިމާރާތުގެ ފުރާޅު މައްޗަށް، ދެ ފުރާޅު ދޭތެރެއަށް ވެއްޓިގެން އައިސް އެތަނުގައި ބިދޭސީން ދިރިއުޅޭބައިގެ ތަޅުންގަނޑު މައްޗަށް އެމީހާ ވެއްޓުނީ. އެމީހާ ވެއްޓި ޖެހުނު އަޑު ވަރަށް ބާރަށް އިވުނު، ވެއްޓިފައި އޮތީ ބަނޑުވަތަށް ވާގޮތަށް. ހީވަނީ ވެއްޓި ޖެހުނުގޮތަށް މަރުވެފައިހެން އޮތީ،" ސަންއަށް އެމީހާ ކިޔައިދިނެވެ.
އެމީހާ ވެއްޓި ޖެހުނު މއ. އެއްސަންގޭ ފުރާޅުމަތި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ވެއްޓުނު މީހާއަށް ލިބިފައިވާ އަނިޔާތައް ކިޔައިދެމުން އޭނާ ބުނީ، އެމީހާގެ ނިތްކުރި މަތިން ވަރަށް ބޮޑުތަންގަނޑެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި، އެމީހާގެ އެއްފައި ވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ޗާނދަނީމަގުގައި ހުރި އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.