ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގަށް ބަލާއިރު މިސީޒަންގެ މިހާތަނަށް އިދިކޮޅު ކްލަބްތަކުގެ ގޯލަށް ހަމަލާއުފެއްދުމުގައި އެންމެ ކުރީގައި އޮތީ، ރެއާލް މެޑްރީޑާއި ޔުވެންޓަސް އެވެ. މިއިން ކޮންމެ ކްލަބަކުން މެޗެއްގައި އެވްރެޖްކޮށް 14 ހަމަލާ އިދިކޮޅު ގޯލަށް ފޮނުވާލާފައިވާއިރު، ވާވެއި ޓީމް ރޭންކިންގައި ތިން ވަނައަށް ފާހަގަކޮށްލެވެނީ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކެވެ.

ކާލޯ އެންޗެލޮޓީގެ ރެއާލުން މި ސީޒަންގައި ލަލީގާގައި ކުޅުނު މެޗުތަކަށް ބަލާއިރު އެވްރެޖްކޮށް މެޗެއްގައި 14.7 ހަމަލާ އުފައްދާފައި ވާއިރު އެ ކްލަބުން ވަނީ ހަތް މެޗު ކުޅެގެން އުފެއްދި 103 ހަމަލާގައި 25 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭންކިންގެ ދެ ވަނައިގައި އޮތް އިޓާލިއަން ލީގު ޗެމްޕިއަން ޔުވެންޓަސްއިން މެޗެއްގައި އެވްރެޖްކޮށް 14.33 ހަމަލާ އުފައްދާފައި ވާއިރު އެ ކްލަބުން ވަނީ، ލީގުގައި ކުޅުނު ހަމެޗުން ވެސް މޮޅުވެ މިހާތަނަށް 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން މިސީޒަންގެ މިހާތަނަށް ރަސްކަން ކުރަމުން އަންނައިރު، އެކްލަބުން މިހާތަނަށް ކުޅުނު ހަތްމެޗުގައި ވަނީ އެވްރެޖްކޮށް 13.86 ފަހަރު އިދިކޮޅު ގޯލްކީޕަރުން ޓެސްޓް ކޮށްފައެވެ. އަދި އެގޮތުން މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.

އިޓަލީގެ ލާޒިއޯއާއި ނަޕޯލީ ރޭންކިންގެ ހަތަރު ވަނައިގައި އޮތް އޮރު މިއިން ކޮންމެ ކްލަބެއް ވެސް ވަނީ، އިދިކޮޅު ކްލަބްތަކުގެ ގޯލަށް މެޗެއްގައި 13.67 ހަމަލާ ކުރިމަތިކޮށްފައެވެ. އަދި ލާޒިއޯއިން މިސީޒަންގައި މިހާތަނަށް 11 ލަނޑު ޖަހާފައިވާއިރު، ޖުމުލަ 82 ހަމަލާ އުފައްދައިގެން ނަޕޯލީއިން ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

ހަ ވަނައިގައި އޮތް ބާސެލޯނާއާއި ހަތް ވަނައިގައި އޮތް އިންޓަ އިން ލީގުގައި ކުޅުނު ކޮންމެ މެޗެއްގައި އެވްރެޖްކޮށް 13 ހަމަލާ އުފައްދާފައިވެއެވެ. އެގޮތުން ބާސާއިން އެވްރެޖްކޮށް މެޗެއްގައި 13.14 ހަމަލާ އުފައްދާފައިވާއިރު، ހަތް މެޗު ކުޅެގެން 92 ހަމަލާ އުފައްދައި އެ ކްލަބް ވަނީ 19 ލަނޑު ކާމިޔާބުކޮށްފައެވެ. އިންޓައިން ހަމެޗު ކުޅެގެން 78 ހަމަލާ އުފައްދާފައިވާއިރު އެއީ މެޗަކަށް އެވްރެޖްކޮށް 13.00 ހަމަލާއެވެ. އޭގެ ތެރެއިން 11 ފަހަރު ގޯލްތެރެއަށް ބޯޅަ އެތެރެކޮށްފައި ވެއެވެ.

މި ލިސްޓުގެ އަށް ވަނައިގައި އޮތް ފިއޮރެންޓީނާ ވަނީ އިދިކޮޅު ގޯލްތަކަށް މެޗެއްގައި އެވްރެކްކޮށް 12.67 ހަމަލާ ފޮނުވާލައިފައެވެ. މެޗެއްގައި އެވްރެޖްކޮށް 12.44ހަމަލާ އުފައްދައިގެން ނުވަ ވަނައިގައި އޮލިމްޕިކް މާސޭ އޮތްއިރު ލިސްޓުގެ 10 ވަނައިގައި އޮތް ވުލްފްސްބާގް ވަނީ އެ ކްލަބު ކުޅުނު މެޗުތަކުގައި އިދިކޮޅު ގޯލްތަކަށް މެޗަކަށް އެވްރެޖްކޮށް 12.43 ހަމަލާ އުފައްދައިފައެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރު މިސީޒަންގައި އިދިކޮޅު ގޯލްތަކަށް އެންމެ މަދުން ހަމަލާ އުފައްދާފައި ވަނީ، ސްޕެއިންގެ ޑިޕޯޓިވޯ ލަ ކޮރޫނާއެވެ.

ލަލީގާގެ ކްލަބުން މެޗެއްގައި އެވްރެޖްކޮށް 5.14 ހަމަލާ އިދިކޮޅު ގޯލަށް ފޮނުވާލާފައިވާއިރު، ވާވެއި ރޭންކިންގައި އެ ކްލަބާ އެންމެ ގާތްކުރާ ކްލަބްތަކަކީ، ފްރާންސްގެ ސްޓާޑޭ ޑި ރެއިމްސް (5.67)، ޕްރިމިއަ ލީގުގެ އެސްޓަން ވިލާ (5.71)، ބަސްޓިއާ (5.89) އެވެ.