އޮސްޓްރޭލިއާގެ މެލްބަން ސިޓީ ފުޓްބޯލް ކްލަބާ އެކު އޭލީގުގައި ކުޅެން ތައްޔާރަށް ހުރި ކަމަށް އެ ކްލަބާ އަލަށް ގުޅުނު ސްޕެއިންގެ ކުރީގެ ފޯވާޑް ޑޭވިޑް ވިޔާ ބުނެފި އެވެ.

ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ވިޔާ، މެލްބަން ސިޓީއާ ގުޅުނީ އެމެރިކާގެ ނިއުޔޯކު ސިޓީ އެފްސީއިން ލޯނު އެއްބަސްވުމެއްގައެވެ. ވޯލްޑް ކަޕްގެ ފަހުން އެއްވެސް މެޗެއް ނުކުޅެ ހުރި ވިޔާ ފުރަތަމަ ފަހަރަށް މެލްބަން ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ވަނީ ހޯމަދުވަހު އެވެ.

އޭނާ ބުނީ، ހޮނިހިރު ދުވަހު ސިޑްނީ އެފްސީއާ ދެކޮޅަށް މެލްބަން ކުޅޭ މެޗަށް އަރަން ފުރިހަމައަށް ތައްޔާރަށް ހުރި ކަމަށެވެ.

"އަހަރެން ވަރަށް ހަމަޖެހިގެން މިހިރީ. އަދި މި ކްލަބަށް ކުޅެން ފުރިހަމައަށް ތައްޔާރުވެގެން،" ރިޕޯޓަރުންނާ ވަހަކަދައްކަމުން ވިޔާ ބުންޏެވެ. "އަހަރެން ފަރިތަކުރުންތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން. ވޯލްޑް ކަޕަށްފަހު އަހަރެން އަދި މެޗެއް ނުކުޅެން. އެންމެ ފަހުން އަހަރެން މެޗެއް ކުޅުނީ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއާ ދެކޮޅަށް. އޭގެ ފަހުން އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެން ވެސް ހޫނު މޫސުމުގެ ޗުއްޓީ ހަދާލީ."

ވިޔާ ބުނީ، އޭނާ މެލްބަންއަށް އައުން ލަސްވީ، މެންޗެސްޓާ ސިޓީއާއި ނިއުޔޯކް ސިޓީއާއި މެލްބަން ސިޓީ ހިންގާ ސިޓީ ފުޓްބޯލް ގްރޫޕުން އޭނާގެ ކަންކަން ހަމަނުޖެހި ލަސްވެގެން ނޫން ކަމަށެވެ.

"މިއީކީ އަހަރެމެން ހުސްވި ހަފްތާގައި ފެށި ކަމެއް ނޫން. މި ވާހަތަކައް ކުރިއަށްދާތާ މަސްތަކެއް ވެއްޖެ. އެނޫނަސް އަހަންނަށް މެޗަށް ތައްޔާރުވާން ވެސް އަދިވެސް ހަފްތާއެއްހާ ދުވަސް އެބަ ލިބޭ،" ވިޔާ އިތުރަށް ކިޔައިދިނެވެ.

އުމުރުން 32 އަހަރުގެ ތަޖުރިބާކާރު ފޯވާޑް މެލްބަން ސިޓީއާ ގުޅުމުން އެ ކްލަބްގެ ކޯޗު ޖޯން ވެންޓް'ޝިޕް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"އެންމެ މުހިއްމު ކަމަކީ ހުރިހާ ކުޅުންތެރީންނަށް ވެސް ހަމަހަމަކޮށް ކަންތައް ކުރުން. ޑެވިޑް ފިޓް ވެފައި ރަނގަޅު ނަމަ ހަމަ ޔަގީން އޭނާގެ ބޭނުން ވަރަށް ބޮޑަށް މި ކްލަބަށް ހިފޭނެ،" ވެންޓް'ޝިޕް ބުންޏެވެ.

ކޯޗު ބުނީ، ސިޑްނީ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11ގައި ވިޔާ ބޭނުން ކުރާނެތޯ ނޫންތޯ އަދި ބުނަން ނޭނގޭ ކަމަށެވެ.

"ސިޑްނީއާ ދެކޮޅަށް ކުޅޭ މެޗުގައި ވިޔާ ބެންޗުގައި ބަހައްޓާނީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް ވާތީ. އެންމެ މުހިއްމު ކަމަކީ އެގޮތަށް ކަންތައް ވެއްޖިއްޔާ އެއީ އަހަރެމެން އެންމެނަށް ވެސް ރަނގަޅަކަށް ކުރެވުނު ކަމެއް،" މެލްބަން ސިޓީގެ ކޯޗު ބުންޏެވެ.