07 Oct 2014, 17:21
ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސްއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ގައުމީ ޓީމާއި އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ގެރެތު ބޭލްއަށްލިބިއްޖެ އެވެ.
ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ފަހަރަށް އެ އެވޯޑު ހޯދައިގެން ބޭލް ވަނީ އަހަރުގެ ކުޅުންތެރިޔާގެ އެވޯޑުގެ ރެކޯޑު އާ ކޮށްފައެވެ. ކުރިން މި އެވޯޑުގެ ރެކޯޑު ހިފަހައްޓާފައިވާ މާކް ހިއުސްއާއި ޖޯން ހާޓްސަން މި ދެ ކުޅުންތެރިންވެސް ވަނީ މި އެވޯޑު ތިން ފަހަރު ހޯދައިފައެވެ.
ޓޮެޓެންހަމް ހޮޓްސްޕާއިން 86 މިލިއަން ޕައުންޑުގެ އަގަކަށް ރެއާލް މެޑްރިޑަށް ސޮއި ކުރި ބޭލް ވަނީ ލަލީގާގައި 27 މެޗު ކުޅެގެން 15 ގޯލު ޖަހައިފައެވެ.
ބޭލް ބުނީ ރެއާލަށް ގުޅުނީ އިތުރު ކާމިޔާބީ ތަކެއް ހޯދުމަށް ކަމަށާއި އެކަންތައް ހާސިލް ކުރެވެމުން ދާ ކަމަށެވެ.
"މިއީ ވަރަށް ހިތްހަމަ ޖެހޭ އަހަރެއް. ރެއާލަށް އަހަރެން ގުޅުނީ އިތުރު ޓްރޮފީ ތަކެއް ހޯދަން. އަހަރެންގެ ނަސީބު ރަނގަޅު ކަމުން އެ ކަންތައްތައް ހާސިލްވަމުން މިދަނީ،" ބޭލް ބުންޏެވެ.
އަހަރުގެ ކުޅުންތެރިޔާގެ އެވޯޑު ބޭލަށް ލިބިފައިވާއިރު ވޭލްސް ޓީމުގެ ޑިފެންޑަރު ބެން ޑޭވިސްއަށް ވަނީ ޒުވާން ކުޅުންތެރިޔާގެ އެވޯޑު ލިބިފައެވެ. އަދި ސްވެންސީ ސިޓީގެ ކެޕްޓަން އެޝްލީ ވިލިއަމްސްއަށް ވަނީ ކްލަބް ކުޅުންތެރިޔާގެ އެވޯޑު ލިބިފައެވެ. މިއީ ވިލިއަމްސް އެ އެވޯޑު ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.