07 Oct 2014, 15:26
ޝްރީލަންކާގެ އެސްޓީއެފް ޕޮލިސް ޓްރޭނިންގް ސްކޫލުގައި ހިންގާ ފަޔާ އާމްސް ކޯސް ދިވެހި 31 ފުލުހަކު ފުރިހަމަކުރުމަށް ފަހު މާލެއަށް އަތުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެ ކޯހަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ހިމެނޭ އެކި ހަލާތްތަކާ ގުޅިގެން ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީ އާއި ހަރަކާތްތެރިވުމުގެ ފެންވަރު މަތިކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކުވެރި ގައުމު ތަކުގެ އެހީތެރިކަމާއެކު ހަމަޖެހިގެންދިޔަ ކޯހެއް ކަމަށެވެ.
އެގޮތުން އެ ކޯސް ހަމަޖެހިފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ސްރީލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
އެ ކޯހަށް ދާނެ ފުލުހުން ހޮވާފައި ވަނީ ފުލުހުންގެ ތެރޭގައި އިއުލާނުކޮށް އެކަމަށް ކުރިމަތިލީ ފުލުހުން ސްކްރީން ކުރުމަށްފަހު ސްކޮލާޝިޕް ބޯޑުންނެވެ. އެ ކޯހުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން އެކިރޭންކުތަކުގެ ފުލުހުން ބައިވެރިވެފައިވެ އެވެ.
އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.