07 Oct 2014, 12:47
ވެސްޓް ޕާކް ސަރަހައްދު ބޭރުގައި އަޅާފައި އޮތް ބޯޓެއްގައި ހުރި އެއްޗެހިތަކެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ސަން އަށް މިއަދު ވިދާޅުވީ "ލިލީ ރީގަލް" ނަމަކަށް ކިޔާ އެ ބޯޓުގައި މިއަދު މެންދުރު 11:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ބޯޓުގައި ހުރި ކޮންޓޭނަރެއްގެ ބައެއްގައި ކަމަށާއި އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެސްޓް ޕާކް ސަރަހައްދު ބޭރުގައި އޮތް ލިލީ ލިލީ ރީގަލްގެ ކައިރީގައި މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
އެ ބޯޓުގެ ކޮންޓޭނަރެއްގައި ރޯވި އަލިފާނުގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އެހީއާ އެކު ވަނީ ނިއްވާލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާގައި ހިނގީ އެ ބޯޓުގައި ހުރި ކޮންޓޭނަރެއްގެ ތެރޭގައި ހުރި ގޮވާ ޖާތުގެ އެއްޗެހިތަކެއް ގޮވައިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވެފައި ވަނީ ބޯޓުގެ ފަލްކާ މަތީގައި ހުރި އެ ބޯޓުގެ ވެލްޑަރަކަށް އުޅޭ ބިދޭސީ މީހަކަށާއި ދިވެއްސަކަށް ކަމަށް ވެސް އޮޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.

ވެސްޓް ޕާކް ސަރަހައްދު ބޭރުގައި އޮތް ލިލީ ރީގަލްގެ ކައިރީގައި މިއަދު އެމްއެންޑީއެފްގެ ކޯސްޓްގާޑު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ ހާދިސާގަައި އަނިޔާވި ދެ މީހުން ކުރެ އެކަކު ވެސް ފިހިފައިނުވާ ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ފައި ބިނދިގެން އޭނާއަށް ފަރުވާދެމުން އަންނަ ކަމަށާއި ދިވެހި މީހާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިދޭސީ މީހާގެ ހާލު އެހާ ސީރިއަސް އެެއް ނޫން، އެހެންވެ އެމީހާ ވެސް އެޑްމިޓްކުރާ ގޮތަކަށް ނޫން ހަމަޖެހިފައިވަނީ،" ޒީނަތު ވިދާޅުވި އެވެ.
އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.