މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރ. މަޑުއްވަރީގައި އީދު ޝޯ ބަލަން ތިބި ކުދިންތަކަކަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ އެރަށުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ތިން ދުވަސް އެރަށު ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަޑުއްވަރީ ކައުންސިލް މެމްބަރު ނަސްރުﷲ ހުސައިން ވިދާޅުވީ އީދު ޝޯ ބަލަންތިބި ކުދިންތަކަކާ މެދު ބަޔަކު މާރާމާރީ ހިންގާފައިވާއިރު ޝޯ ބަލަންތިބި މީހުންނާ ދިމާލަށް ގާ އުކައި ބައެއް މީހުންނަށް ހަމަލާދީފައިވާ ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ ގާ އުކުމުގެ ސަބަބުން ޝޯ ބަލަން ހުރި ކުއްޖެއްގެ ކޮނޑަށް ޒަޚަމްތަކެއް ލިބިފައިވާއިރު އެއްކުއްޖެއްގެ ބޮލަށް ވެސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެހެން ކުއްޖެއްގެ ދަތްޕިލައަށް ވެސް ގެއްލުން ލިބުނު ކަމަށާއި އެ ހަމަލާގައި އަނިޔާ ލިބުނު ބައެއް ކުދިން އެރަށު ސިއްހީ މަރުކަޒުގައި އެޑްމިޓުކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހާދިސާ ހިނގީ ކިހިނެތްވެގެން ކަމެއް މާ ބޮޑަކަށް ސާފެއް ނުވޭ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އެ ގެންދަވަނީ،" ނަސްރުﷲ ވިދާޅުވިއެވެ.