07 Oct 2014, 10:41
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ބިން ޢަބްދުލް މުޙްސިން ތުރުކީއާ ބައްދަލުކުރައްވައިފި އެވެ.
ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މައްކާގައި މިވަގުތު ހުންނެވި ޑރ. ޝަހީމް 'ސަން'އަށް ވިދާޅުވީ، ޑރ. ޢަބްދުﷲ ބިން ޢަބްދުލް މުޙްސިންއާ ބައްދަލުކުރެއްވުން އޮތީ މައްކާގައި ހުންނަ ރާބިތާގެ މައި އޮފީހުގައި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގައާއި މިސްކިތްތަކަށް އެހީތެރިކަން ބޭނުންވާ ކަމަށް ދަންނަވާފައި ވާނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޑރ. ޢަބްދުﷲ ވިދާޅުވި، ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ދެއްވާނޭ ކަމަށް. އަދި ވިދާޅުވި ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިސްލާމީ އުންމަތާމެދު ބާއްވަވާ ގުޅުމާމެދު އުފާކުރައްވާކަމަށް،" އެ ބައްދަ ކުރެއްވުމާ ބެހޭ މައުލޫމާތު ސަންއާ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އެބައްދަލުވުމުގައި ރާބިތާގެ ވެރިޔާ ދެއްކެވި ވާހަކަފުޅުގައި ކައިރި މުސްތަގުބަލެއްގައި ރާއްޖެ އަށް ޒިޔާރަތްކުރައްވާނޭ ކަމަށް ވިދާޅުވި ކަމަށެވެ.
"ޑރ. ޢަބްދުﷲ ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް ވަރަށް އަވަހަށް އަންގަވާނޭ ކަމަށް ވިދާޅުވި. އަދި ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުންނަ މުސްލިމް ވޯލްޑް ލީގުގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާނޭ ކަމަށް ވެސް ވިދާޅުވި،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ޙައްޖުގެ އަޅުކަން ނިންމެވުމަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން މިމަހުގެ އަށް ވަނަ ދުވަހު، ސައޫދީ ޙައްޖު މިނިސްޓަރު ޑރ. ބަންދަރު ބިން ޙައްޖާރުއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.