ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ދިވެހި ޙައްޖުވެރީންގެ ހާލު ބައްލަވައިލައްވައި ހައްޖުވެރީންނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ޙައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް މިވަގުތު މައްކާގައި ވަޑައިގެން ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 'ސަން'އަށް މިރޭ ވިދާޅުވީ، ރައީސް ޔާމީން ދިވެހި ހާޖީންގެ ހާލުބައްލަވައި އެބޭފުޅުންނަށް ތަޙްނިޔާ ވިދާޅުވީ، އެމަނިކުފާނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ 500 ހައްޖުވެރީން ދަރުސެއް އަޑުއެހުމުގައި --

"ހައްޖު ކޯޕަރޭޝަންގެ 500 ހާޖީން ދަރުސެއްގައި ތިއްބައި، ރައީސް ޔާމީން ފޯނުން ގުޅުއްވީ. އަދި މައިކް މެދުވެރިކޮށް، ފޯނުން ރައީސް ވަނީ ހާޖީންނާ މުހާތަބުކުރައްވާފައި،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. "އެހެނިހެން ގްރޫޕްތަކުން ހައްޖަށް ވަޑައިގެންނެވި ހާޖީންނަށް ވެސް ތަހުނިޔާ ދެންނެވުމަށް ރައީސް އަޅުގަނޑަށް އެންގެވި."
ރާއްޖޭގެ ހައްޖުވެރިން ---

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހައްޖާޖީން ތިބި މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އެހެން ނަމަވެސް ސައުދީ ރޯޔަލް ޕްރޮޓޮކޯލް އިން އެކަމަށް ހުއްދަ ނުލިބުމުން ވަޑައި ނުގެންނެވުނީ ކަމަށެވެ.

"ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވި އަޅުގަނޑުމެންގެ ހުރިހާ ހާޖީންނާ ބައްދަލު ކުރައްވަން. އެކަމަކު، ސަލަމަތީ ސަބަބުތަކާހުރެ ސައުދީ ރޯޔަލް ޕްރޮޓޯކޯލްއިން އެކަމަށް ހުއްދައެއް ނުދެއްވި،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖުވެރީން --

ރައީސް ޔާމީން ހާޖީންގެ ހާލުބައްލަވައި ތަހްނިޔާ ވިދާޅުވުމުން ދިވެހި ހުރިހާ ހައްޖާޖީންވެސް ތިއްބެވީ ވަރަށް ބޮޑަށް އުފާވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިނާގައި ތިއްބައި ރައީސްގެ އަޑުފުޅު އިވުމުން ހުރިހާ ހާޖީންވެސް ތިބީ ވަރަށް ބޮޑަށް އުފާވެފައި. އަދި ހާޖީންވެސް ވަނީ ރައީސަށާއި ރައީސްގެ އާއިލާއަށް ހެޔޮދުއާ ރައްދުކޮށްފައި،" މިނިސްޓަރު ޝަހީމް މައްކާގައި ހުންނަވައިގެން ސަންއަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޙައްޖުވެރީން --

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މިއަހަރު ރާއްޖެއިން ހައްޖަށް ވަޑައިގެންނެވި ހުރިހާ ހައްޖާޖީންގެ ހާލުއަހުވާލުވެސް ރަނގަޅު ކަމަށެވެ.

"ހުރިހާ ހާޖީންގެ ހާލުވެސް ރަނގަޅު. ބަލިވެގެން އެޑްމިޓް ކުރި އަންހެން ބޭފުޅާވެސް އަރަފާތަށް ގެންދެވުނު،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.