ބައިނަލްއަގްވާމީ މެޗުތައް ކުޅުމަށްޓަކައި ޔޫރަޕްގެ ލީގުތަކުގެ ކުޅުން މެދު ކަނޑައިލާ އިރު، ވާދަވެރިކަން ބޮޑު އަދި ފޯރިގަދަ ބޮޑެތި ލީގުތަކުގައި އެއްވެސް މެޗަކުން ބަލިނު އޮތީ މަދު ކްލަބްތަކެކެވެ. އެގޮތުން ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގަށް ބަލާއިރު މެޗަކުން ބަލިނުވެ އޮތް 10 ކްލަބްގެ ތެރޭގައި ޗެލްސީއާއި ބާސެލޯނާއާއި، ބަޔާން މިޔުނިކާއި، ޔުވެންޓަސް އަދި ޕީއެސްޖީ ހިމެނެ އެވެ.

ސީޒަން ފެށިގެން މިހާތަނަށް އައިއިރު އިނގިރޭސި ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެއޮތް ހަމަ އެކަނި ކްލަބަކީ ޗެލްސީ އެވެ. ހޯޒޭ މޮރީނިއޯގެ ޓީމު އެއްވެސް މެޗަކުން ބަލިނުވެ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިރު އެޓީމު ވަނީ، ލީގުގެ ބޮޑެތި ކްލަބް ތަކުގެ ތެރެއިން އާސެނަލް 2-0 ލަނޑުން ބަލިކޮށްފައެވެ. އަދި ޕޮއިންޓެއް ގެއްލުވާލާފައި ވަނީ، ސެޕްޓެމްބަރު މަހު 21 ގައި މެންޗެސްޓާ ސިޓީއާ ވާދަކޮށް 1-1 އެއްވަރުވި މެޗުގައި އެކަންޏެވެ.

ޗެލްސީއާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ

ފޯރިގަދަ ސްޕެނިޝް ލީގަށް ބަލާއިރު، ލުއިސް އެންރިކޭގެ ބާސެލޯނާ އަންނަނީ ރަނގަޅު ފޯމެއްގައި ހިފަހައްޓަމުންނެވެ. ލަލީގާގެ އެއްވަނައިގައި އޮތް ބާސާ މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެފައިވާ އިރު، އެ ކްލަބު އެއްވަރުވީ މަލާގާއާ ވާދަކުރި މެޗުންނެވެ. ލަލީގާގައި ދެން މެޗަކުން ބަލިނުވެ އޮތް އަނެއް ކްލަބަކީ ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިޔާ އެވެ.
ލަލީގާގައި ރަޔޯ ވަޔެކާނޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ބާސާ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

އިޓަލީ ލީގަށް ބަލާއިރު، ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް އޮތް ހަމަ އެކަނި ކްލަބަކީ ޔުވެންޓަސް އެވެ. ތާވަލުގެ ކުރީގައި ޔުވެންޓަސް އޮތްއިރު އެކްލަބު ވަނީ މި ހަފްތާގައި ވާދަވެރި ރޯމާ އަތުން 3-2 ލަނޑުން މޮޅުވެފައެވެ. އިޓަލީ ލީގުގައި ދެން މެޗަކުން ބަލިނުވެ އޮތް އަނެއް ކްލަބަކީ ސަމްޕޯޑީއާ އެވެ. އެ ކްލަބު ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ދެ މެޗުން އެއްވަރު ވެފައެވެ.
އިޓާލިއަން ލީގުގައި ރޯމާއަތުން ޔުވެންޓާސް މޮޅުވި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ

އެންމެ ގިނަ ކްލަބުތަކެއް އެއްވެސް މެޗަކުން ބަލިނުވެ އޮތީ، ޖަރުމަނު ލީގުގައެވެ. ބުންޑެސް ލީގާގައި މިހާތަނަށް އެއްވެސް މެޗަކުން ބަލުނުވާ ހަތަރު ކްލަބެއް ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން މިހުނިކާއި، ދެވަނައިގައި އޮތް ހޮފެންހެއިމްއާއި، ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަބާޗްއާއި ތާވަލުގެ ހަ ވަނައިގައި އޮތް މެއިންޒް05އެވެ.
ޖަރުމަނު ލީގުގައި ހެނޯވާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބަޔާން މިޔުނިކްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ

ޔޫރަޕްގައި ބާރުގަދަކުރަމުން އަންނަ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ހިމެނެނީ، ފްރާންސް ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމަ އެކަނި ޓީމުގެ ގޮތުގައެވެ. ނުވަ މެޗު ކުޅެފައިވާއިރު އެ ކްލަބް ވަނީ ތިން މެޗުން މޮޅުވެ ހަ މެޗުން އެއްވަރުކޮށްފައެވެ.
ޔޫރަޕްގެ އެހެނިހެން ލީގުތަކަށް ބަލާއިރު، ޕޯޗްގަލް ލީގުގައި ޕޯޓޯ، ބެންފިކާ، އަދި ސްޕޯޓިން އެއްވެސް މެޗަކުން ބަލިނުވެ އޮތް އިރު، ހޮލެންޑް ލީގުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ކްލަބަކީ ޓްވެންޓޭ އެވެ.

ރަޝިއާ ލީގަށް ބަލާއިރު ޒެނިތާއި ކުބާން ކްރަސްނޯދާ އަދި މި ފަހަރު މެޗަކުން ބަލިނުވެ އޮތްއިރު، ޑައިނަމޯ ކިއޭވް އާއި ޑްނިޕްރޯޕެޓްރޯސްކް އަކީ ޔޫކްރެއިން ލީގުގައި ބަލިނުވެ ހިފަހައްޓަމުންދާ ހަމަ އެކަނި ދެ ޓީމެވެ.

މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ޔޫރަޕްގެ އެންމެ ވަރުގަދަ 10 ލީގަށް ބަލާއިރު، އެއްވެސް މެޗަކުން ބަލިނުވާ ކްލަބެއް ނެތް ހަމަ އެކަނި ލީގެއްގެ ގޮތުގައި ފާހަގަކުރެވެނީ ބެލްޖިއަމް ލީގެވެ.