މޮންޓްރިޔާލް : ރައްޔިތުންގެ އުތުރި އެރުމަކުން ވެރިކަން ވެއްޓިގެންދިޔަ ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީގެ ތިމާގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ފިއްލަވައިގެން ކެނެޑާއަށް ހިނގައްޖެ ކަމަށް ޚަބަރުލިބިއްޖެވެ. ބީބީސީ ބުނިގޮތުގައި ބިން ޢަލީގެ އަނބިކަނބަލުން ލައިލާއާ އެއްބަނޑުއެއްބަފާ ފިރިހެނަކު އޭނާގެ އަންހެނުންނާއި ކުދިންނާ އަދިވެސް ބައެއް ތިމާގެބޭފުޅުންނާއެކު އަމިއްލަ ޖެޓެއްގައި ކެނެޑާގެ މޮންޓްރިޔާލަށް ދިޔަކަން ވަނީ ކަށަވަރުވެފަ އެވެ.

ކެނެޑާގެ ހިޖްރައާބެހޭ މަސްއޫލުވެރިއަކުވަނީ ބިން ޢަލީގެ ޢާއިލާގެ މީހުން ކެނެޑާއަށް އައިސްފައިވީ ނަމަވެސް މިފަދަ އެއްވެސް މީހަކަށް ކެނެޑާއަށް ހިޖްރަކޮށްގެން އުޅުމުގެ ޙައިސިއްޔަތު ނުލިބޭނެކަމަށް ވަރަށް ސާފުބަހުން ވިދާޅުވެފައެވެ. ތޫނިސްގެ ރައްޔިތުންގެ އުތުރިއަރައި ބިން ޢަލީގެ އަނިޔާވެރި ވެރިކަން ވައްޓާލުމާގުޅިގެން ބިންޢަލީއާއި އޭނާގެ އަނބިކަނބަލުން ލައިލާވެސްވަނީ ފިއްލަވައިގެން ސައޫދީ އަރަބިޔާއަށް ވަޑައިގެން ޙިމާޔަތް ހޯއްދަވައިފަ އެވެ.

ބިން ޢަލީގެ އަނބިކަނބަލުންގެ ތިމާގެ ފަރާތްތަކަކީ ތޫނިސްގައި ވަރަށް މުއްސަނދިކޮށް ވަރަށް ބާރުގަދަކޮށް އުޅުނު ބަޔެކެވެ. ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރިކަމާއި ފަސާދަ ނުވަތަ ކޮރަޕްޝަންގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގިކަމުގެ ތުހުމަތު މިބައިމީހުންގެ މައްޗަށް ރައްޔިތުން ކުރަމުން ގެންދެއެވެ.

ބިން ޢަލީގެ އަރިހުގައި އަނބިކަނބަލުން ލައިލާ އައްތަރާބްލްސީ ޤައުމުން ބޭރަށް ފިއްލެވިއިރު އޭނާ، ތޫނިސްގެ މަރުކަޒީ ބޭންކުން 1.5 ޓަނުގެ ރަން ނާޖާއިޒު ގޮތުގައި ޤައުމުން ބޭރުކުރެއްވި ކަމަށް ޚަބަރުލިބެ އެވެ. އަދި ބިން ޢަލީގެ ވެރިކަން ވެއްޓުމާއެކު ލައިލާގެ ޢާއިލާގެ ބައެއް މެންބަރުން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ޤައުމުން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ތޫނިސްގެ ސަލާމަތީ ބާރުތަކުން އޭގެތެރެއިން 53 މީހަކު ހައްޔަރު ކުރިކަމަށް ވެސް ތޫނިސްގެ މީޑީޔާ ބުނެފައިވެ އެވެ.

ސްވިޓްޒަލޭންޑުންވަނީ އެޤައުމުގެ ބޭންކްތަކުގައިވާ ބިން ޢަލީއާއި އޭނާގެ ޢާއިލާގެ މެންބަރުންގެ އެކައުންޓްތަކުން މުޢާމަލާތްކުރުން ވަގުތީގޮތުން މަނާކޮށް އެއެކައުންޓްތައް ފްރީޒް ކޮށްފައެވެ.