06 Oct 2014, 22:06
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މ. ދިއްގަރުގައި ވެސް ބޭސް ފިހާރައެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން ބުނީ ދިއްގަރް ހުޅުވި ބޭސް ފިހާރަ އިން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ދިއްގަރުގައި ހުޅުވި ބޭސްފިހާރައާ އެކު އެސްޓީއޯގެ ބޭސް ފިހާރަތަކުގެ އަދަދު މިހާރު 35 އަށް އަރަ އެވެ.
ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.