އެޕަލް ކުންފުނިން އައިފޯން6 ޕްލަސް ނެރުނުތާ ގިނަ ދުވަސްތަކެއް ނުވަނީ، ފޯނު ލެނބުމުގެ މައްސަލައެއް ފެންމަތިވެ ގިނަބައެއްގެ ފާޑުކިޔުންތައް އެއަށް ކުރިމަތިވެފައި ވަނިކޮށް، ވާދަވެރި ސެމްސަންގުގެ ގެލެކްސީ ނޯޓް4 އިން ވެސް މައްސަލަތަކެއް ފެނިއްޖެ އެވެ.

ވާދަވެރި ބޮޑެތި ކުންފުނުތަކުން އެޕަލްގެ އާ ފޯނުތަކަށް 'ބެންޑްގޭޓު'ގެ ނަމުން ނަންދީ މަލާމަތް ރައްދު ކުރަމުން ދަނިކޮށް ސެމްސަން ފޯނުން ވަނީ 'ގެޕްގޭޓު'ގެ މައްސަލަ ފެންމަތިވެފައެވެ. މިއީ ފޯނުތަކުގެ ސްކްރީނާއި ފޯނުގެ އަރިމަތީގައި ހަރުކުރެވިފައިވާ ދަގަނޑުކޮޅުގެ ތެރޭގައި އާދަޔާ ހިލާފު ބޮޑު ހުސް ޖާގައެއް ދީފައިވާތީ ކުރިމަތިވި ފާޑުކިޔުންތަކެކެވެ.

ކޮރެއާގެ މީޑިއާތަކުން ބުނާ ގޮތުގައި ސެމްސަންގެ 'ފެބްލެޓު'ގައި ވާ ހުސް ދޭތެރެއަށް ބިޒްނަސް ކާޑެއް ލެއްވޭވަރު ފުޅާ ޖަގައެއް ހުރެއެވެ. ނަމަވެސް ސެމްސަންގުން ބުނީ ފޯނުގައި އެފަދަ ސްކްރީނާއި ހައުސިންއާ ދޭތެރޭގައި އެވަރުގެ ޖާގައެއް ހުރިކަމުގައިވީ ނަމަވެސް އެއީކީ ފޯނަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފޯނުތަކުގެ ކޮލިޓީއަށް ވެސް އެއިން އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ފޯނުތަކުގައި ހުސް ދޭތެރެއެއް ވާ ކަމަށް ބުނެ، ކޮރެއާގެ ފޯނުގެ މާކެޓަކަށް އެއްވެސް ހީނަރުކަމެއް އައިސްފައެއް ނުވެއެވެ. ގެލެކްސީ ނޯޓް-4 އިނގިރޭސި ވިލާތުގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ގައެވެ.

މިފޯނަކީ 5.7 އިންޗީގެ ޑިސްޕްލޭއަކާއެކު 3 ޖީބީގެ ރެމްއެއް ހަރުކޮށްފައިވާ ފެބްލެޓް ފޯނެކެވެ. ސްނެޕްޑްރެގަން 805 ގެ ޕްރޮސެސާއެއް ފޯނުގައި ވާއިރު 16 މެގަޕިކްސެލްގެ ޕްރައިމެރީ ކެމެރާއެއް ވެސް ހުރެއެވެ. އަދި ފޯނުގެ 32 ޖީބީގެ އިންޓާނާލް ސްޓޯރޭޖް ހުންނައިިރު މެމަރީ ކާޑުގެ އެހީގައި ސްޓޯރޭޖް 128 ޖީބީއަށް އިތުރުކުރެވެއެވެ.