އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިސިސް) ބާރުގަދަ ވުމުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއި ތުރުކީގެ އަތެއް ވާކަމަށް ވިދާޅުވެ އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެން ދެއްކެވި ވާހަކަފުޅުތަކަށް އެދެ ގައުމުގެ ކިބައިން އޭނާ މާފަށް އެދިވަޑައިގެންފި އެވެ.

އެ މައްސަލަ ފެންމަތި ވެފައިވަނީ މިދިޔަ ހަފްތާގައި ހާވާޑު ޔުނިވާސިޓީގައި އޮތް ހަފްލާގައި ބައިޑެން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. ބައިޑެން ވިދާޅުވީ ތުރުކީއާއި ޔޫއޭއީ އަދި މީގެ އިތުރުންވެސް އިރުމަތީގެ ބައެއް ގައުމުތަކުން އައިސިސްއަށް އެހީތެރިވަމުންދާ ކަމަށެވެ.

އަބޫދާބީގެ 'ކްރައުން ޕްރިންސް' އަދި ޔޫއޭއީގެ އާމްޑް ފޯސްގެ ސުޕްރީމް ކޮމާންޑަރު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ އަރިހުން އެމެރިކާގެ ނައިބު ރައީސް މާފަށް އެދިވަޑައިގެންފައިވަނީ ފޯން ކޯލެއްގެ ޒަރިއްޔާއިންނެވެ.

ބައިޑެން ވިދާޅުވެފައި ވަނީ، އެމެރިކާގެ އެކުވެރި ގައުމު ތަކުން ކުރި އަމަލު ތަކުގެ ސަބަބުން އައިސިސްގެ ބާރު ކުރިއަށްވުރެ ބޮޑަށް ގަދަ ވަމުންދާ ކަމަށެވެ.

"އައްސަދާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނަ ކޮންމެ ބަޔަކަށް އެމީހުން (ގައުމުތައް) ދިޔައީ ފައިސާ ދެމުން. އެކަމަކު އެ ފައިސާ ތަކާ އެހީތައް ލިބެމުން ދިޔައީ އަލް ގައިދާ އާއި އަލް ނުސްރާ ފަދަ ޖިހާދީންނަށް. އެހެންކަމުން އެމީހުންގެ ބާރު ގަދަ ވަނީ. އެކަމަކު އަޅުގަނޑު މެންނަކަށް އެކަންތައް ހުއްޓާކަށް ނުބުނެވޭނެ،" ނައިބު ރައީސް ވިދާޅުވިއެވެ.