06 Oct 2014, 17:43
ރެއާލް މެޑްރިޑްގައި އެންޖެލް ޑި މަރިއާ ދެއްކި ފަދަ ކުޅުމެއް ދައްކަން ބޭނުންވާ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ބުނެފި އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ރެއާލުން ކާމިޔާބު ކުރުމުގައި ޑި މަރިއާ އިސް ރޯލެއް ކުޅެފައިވެއެވެ. މެންޗެސްޓާ ޔުނައިޓެޑަށް ޑި މަރިއާ ބަދަލު ވުމުން ރޮޑްރިގޭޒް ވެސް އެފަދަ ކުޅުމެއް ދައްކަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ރޮޑްރިގޭޒް ބުނީ ޑި މަރިއާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އެއީ އޭނާ ވަރަށް އިހްތިރާމް ކުރާ ކުޅުންތެރިއެއް ކަމަށެވެ.
"ޑި މާރިއާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ މިތާ (ރެއާލް) ގައި ވަނީ ވަރަށް ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައި. އަހަރެން ވަރަށް އިހްތިރާމް ކުރާ ކުޅުންތެރިއެއް އެއީ،" ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް ބުނީ ޑިމަރިއާއަށް ވުރެ ފަހުން ރެއާލްއާ ގުޅުނު ކަމުގައިވީ ނަމަވެސް އެ ކްލަބުގައި ޑި މަރިއާ ހޯދާފައިވާ ފަދަ ކާމިޔާބީތަކެއް އޭނާވެސް ހޯދަން ބޭނުންވާ ކަމަށެވެ.
"އަހަރެން އަދި އިހަށް ދުވަހު ޓީމަށް މި ގުޅުނީ. އެކަމަކު ބޭނުން ޑި މަރިއާ ހޯދި ކަހަލަ ކާމިޔާބީ ތަކެއް ހޯދަން. އެކަހަލަ ރީތި ނަމެއް ހޯދަން. ވަރަށް ހިތްހަމަ ޖެހޭ މި ޓީމުގައި. ބޭނުންވަނީ މި ކްލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދޭން،" ރޮޑްރިގޭޒް ބުންޏެވެ.