06 Oct 2014, 16:34
މާލޭގެ ދެ ގެއަކުން ހޭޝް އޮއިލް ކަމަށްބެލެވޭ ދެ ކިލޯއެއްހާ މަސްތުވާތަކެއްޗާ އެކު ރޭ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފި އެވެ.
ކޯޓު އަމުގެ ދަށުން މާފަންނު ދެ ގެއެއް ބަލައި ފާސްކޮށް ހޭޝް އޮއިލް ކަމަށްބެލެވޭ ދެ ކިލޯއެއްހާ މަސްތުވާތަކެއްޗާ އެކު ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައި ދިން ހަތަރު މީހުންގެ ބަންދުގެ މުއްދަތު ދެެން ހަމަވާނީ، ފުލުހުން ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެމީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ހޭޝް އޮއިލް ކަމަށް ބެލެވޭ، ދެ ކިލޯއެއްހާ މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.