މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުން 7000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ މި އަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ (ޑީޕީއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު މިއަދު ސަން އަށް ވިދާޅުވީ މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި މެންދުރު 2 ޖެހި އިރު ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އިމްތިހާންގައި ރާއްޖޭގެ 174 ރަށަކުން 7202 ދަރިވަރުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ އިމްތިހާންގައި ސްކޫލްތަކުން ބައިވެރިވެފައި ވަނީ 5643 ދަރިވަރުން ކަމަށާއި އަމިއްލަ ގޮތުން 1559 ކެންޑިޑޭޓުން ބައިވެރިވެފައިވާ ކަމަށް ޑީޕީއީ އިން ބުންޏެވެ.

އެ އިމްތިހާނުގައި މިއަދު އޮތީ ޓެރެވަލް އެންޑް ޓޫރިޒަމް މި މާއްދާގެ އިމްތިހާން ކަަމަށާއި އިމްތިހާނު ނިމޭނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރު އޯލެވެލް އިމްތިހާންގައި ބައިވެރިވި ދަރިވަރުންގެ އަދަދު ފާއިތުވި ދެ އަހަރާއި އަޅާ ބަލާ އިރު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2012 ވަނަ އަހަރު 8461 ކުދިން އޯލެވެލް އިމްތިހާންގައި ބައިވެރިވެފައިވާ އިރު މިދިޔަ އަހަރު އޯލެވެލް އިމްތިހާންގައި ބައިވެރިވި ކުދިންގެ އަދަދަކީ 8255 ކުދިންނެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 43 ޕަސެންޓެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 478 ދަރިވަރަކު ވަނީ ހިމެނިފަ އެވެ.