އެމެރިކާގެ ސިފައިންގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ޔޫއެސްއެސް ރޮޑްނީ އެމް ޑާވިޝް'" ނަމަކަށް ކިޔާ އެމެރިކާގެ އެ މަނަވަރު ރާއްޖެ އައިސްފައިވަނީ ރަޙުމަތްތެރި ކަމުގެ ދަތުރެއްގައި ކަމަށާއި އެ މަނަވަރު ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެމްއެންޑީއެފްއާ ގުޅިގެން ގިނަ ހަރާކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާ ކަނޑުގެ ސަރަޙައްދާ ގުޅޭ ކަންކަމުގެ މައުލޫމާތު ބަދަލުކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް އެމްއެންޑީއެފް ކޯސްޓްގާޑާއެކު ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެމެރިކާގެ އެ މަނަވަރުގެ ސިފައިންނާއި އެމްއެންޑީއެފާ އެކު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކާއި ބާސްކެޓް ބޯޅަ މެޗަކާއި ވޮލީ މެޗެއް ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ މަނަވަރު ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.