06 Oct 2014, 13:12
ކިރްގިސްތާނުގެ ޒުވާން އަންހެން ކުއްޖެއްގެ ބަނޑުން ހަތަރު ކިލޯގެ އިސްތަށި ބޮނޑިއެއް ނަގައިފި އެވެ.
އުމުރުން 18 އަހަރުގެ އައިޕޭރިއާ އެލެކްސީވާ ނަމަކަށް ކިޔާ އެ ކުއްޖާގެ ބަނޑުން މިދިޔަ ބުދަ ދުވަހު އިސްތަށި ބޮނޑިއެއް ނަގާފައި ވަނީ ބަނޑުގައި ރިއްސައި އެއްވެސް އެއްޗެއް ކައިބޮއެ ނެހެދޭތީ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ކުރި އެމަޖެންސީ އޮޕަރޭޝަނަކަށް ފަހުގަ އެވެ.
ކިރްގިސްތާނުގެ ވެރިރަށް ބިޝްކެކްގެ ހޮސްޕިޓަލެއްގައި ކުރި އެ އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ، އައިޕޭރިއާ އަކީ އިސްތަށީގެ ކޮޅު ކެއުމަށާއި ބިންމަތީ ހުންނަ އިސްތަށި ހޮވައިގެން ކެއުމުގެ އާދަ ހުންނަ ކުއްޖެއް ކަމަށެވެ. އަދި އެ އޮޕަރޭޝަން ނުކުރި ނަމަ، އެ ކުއްޖާ މަރުވުން ގާތް ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ޔާހޫ ނޫހުގައި ބުނެފައިވެ އެވެ.
"ކުއްޖާ ހޮސްޕިޓަލަށް ގެނައީ އެއްވެސް އެއްޗެއް ނުކެވި، ބަރުދަން ލުއިވާތީ. ހޮސްޕިޓަލަށް ގެނައި އިރު އޭނާއަކަށް އެއްވެސް އެއްޗެއް ނުބޮވޭ. އެހެން ވެގެން ވަގުތުން އޮޕަރޭޝަން ކުރީ،" ބިޝްކެކްގެ ހޮސްޕިޓަލްގެ ސީނިއާ ޕްރޮފެސާ އޮފް ސާޖަރީ ބަހާދިރް ބެބެޒޮވް ވިދާޅުވި އެވެ.
ފުރާނަ ސަލާމަތްކުރި އެ އޮޕަރޭޝަނަށް ފަހު، އައިޕޭރިއާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޔާހޫ ނޫހުގައި ބުނެފައިވެ އެވެ. އަދި އިސްތަށި ނުކެއުމަށް އޭނާ ވަނީ ވައުދުވެފަ އެވެ.