ހޮންގް ކޮންގްގައި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ދިޔަ ހަޅުތާލުގައި މީހުން މަދުވެ، ސިވިލް ސާވީސް މުވައްޒަފުން ވަޒީފާ އަށް ނުކުންނަން ފަށައިފި އެވެ.

ސަރުކާރުގެ ބައެއް މައި އޮފީސްތައް ކުރިމައްޗަށް އެއްވެފައި ތިބި ގިނަ ބަޔަކު އަދި ވެސް އެސަރަހައްދު ދޫކޮށް ދިޔުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.

ރޭ ފަތިސް ވުމަށް ފަހު ހަޅުތާލު ކުރާ ސަރަހައްދުން ދިޔުމަށް ސަރުކާރުން އަމުރުކޮށްފައިވި ނަމަވެސް ގިނަ އަދަދަކަށް މީހުން އެތާ ތިއްބެވެ. އޮފީސްތަކުގެ ދޮރުތަކުން ނުވަދެވޭ ގޮތަށް މީހުން އެތާ ތިބި ކަމުގައި ވިޔަސް ސިވިލް ސާވިސްގެ މުވައްޒަފުން އޮފީހަށް ވަނުމަށް އެމީހުން ވަނީ ތަންދީފަ އެވެ.

ހޮންގް ކޮންގް ރީޖަނަލް ސަރަހައްދުގެ ޗީފް އެގްޒެކިއުޓިވް ވިދާޅުވީ މިއަދު އޮފީސްތައް ހުޅުވެން ޖެހޭނެ ކަމަށާއި އެކަންތައް ކުރުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

މުޒާހަރާ ކުރަމުންދާ ސްކޫލް ކުދިންގެ އަދަދު މަދުވަމުންދާ ކަމާ މެދު އެއްވެސް ވަރަކަށް ކަން ބޮޑު ނުވާ ކަމަށް ދަރިވަރުންގެ ތެރެއިން ލީޑަރެއް ކަމަށްވާ ޗައޮ ބުނެފައިވެ އެވެ.

"އަހަރެމެން އެންމެން ވެސް ބޭނުންވާނެ ރެސްޓް. އަދި އެންމެން އަންނާނެ. މީހުން މަދުވަމުން ދާތީ އޭގެ މާނައަކީ މި ހަޅުތާލު ނިމުނީއެކޭ ނޫން،" ޗައޮ ބުންޏެވެ.

މުޒާހަރާއާ ގުޅިގެން ބަންދުކޮށްފައިވާ ޕްރީ ސްކޫލުތަކާއި ޕްރައިމެރީ ސްކޫލުތައް މިޔަދު ހުޅުވިޔަސް ސެކަންޑްރީ ސްކޫލްތަކެއް ނުހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހޮންގް ކޮންގްގެ ޕޮލިހުން މިހާތަނަށް 30 މީހުން ހައްރުކޮށްފައިވެ އެވެ.

އަންބުރެއްލާ ރިވެލިއުޝަންގެ ނަމުގައި ހޮންގް ކޮންގްގައި ހަޅުތާލެއް ކުރިއަށް ގެންދަނީ "ފުރިހަމަ ޑިމޮކްރަސީއެއް" ބޭނުން ކަމަށް ބުނެ އެވެ.