ބްރެޒިލްފައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ޑިލްމާ ރޯސެފު އެންމެ ގިނަ ވޯޓު ހޯއްދެވި ނަމަވެސް ދެ ވަނަ ބުރަކަށް ދާންޖެހިއްޖެ އެވެ.

ބީބީސީ އިން މިއަދު ބުނީ އިއްޔެގެ އިންތިހާބުގައި ވޯޓުލީ މީހުންގެ 42 ޕަސެންޓް ވޯޓު ޑިލްމާ ހޯއްދެވި އިރު އޭނާއާ ވާދަ ކުރެއްވި އައިސެއޯ ނެވެސް 34 ޕަސެންޓް ހޯއްދެވި ކަމަށެވެ.

ތަހުލީލު ކުރާ ފަރާތްތަކުން ބުނަނީ މި މަހު 26ގައި އޮންނަ ދެ ވަނަ ބުރު ވާދަ ވެރިވާނެ ކަމަށެވެ.

ސޯޝަލިސްޓް ޕާޓީގެ ކެންޑިޑޭޓް އަދި އެންވަޔަރަމެންޓަލިސްޓް، މަރީނާ ސިލްވާ ވަނީ ވޯޓުގެ 21 ޕަސެންޓް ހޯއްދަވައިފަ އެވެ. ނަމަވެސް ރޭހުގެ ތިން ވަނަ އަށް ދިއުމުން އޭނާ ވަނީ ރޭހުން ވަކިވެފަ އެވެ.

ދެ ވަނަ ބުރުގައި ވާދަ ކުރައްވާނީ މިހާރުގެ ރައީސް ޑިލްމާ އާއި ދެ ވަނަ ކެންޑިޑޭޓް އައިސެއޯ އެވެ.

ބްރެޒިލްގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 142 މިލިއަން މީހުން އެބަތިއްބެވެ. އަދި އުމުރުން 18 އަހަރާއި 70 އަހަރުގެ ކޮންމެ މީހަކު ވޯލުން މަޖުބޫރެވެ.

އިއްޔެ ވަނީ ކޮންގްރެސް އަށް މެންބަރުން ހޮވުމަށާއި ރީޖަނަލް ގަވަރުނަރުން ހޮވުމަށް ވެސް ޥޯޓުލައިފަ އެވެ.

ރައީސް ޑިލްމާ ރޯސެފުގެ ރައީސް ކަމުގައި އެ ގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ ދަށް ކުރެވިފަ އެވެ. އަދި އެންމެ ދަށް މުސާރަ ލިބޭ އަދަދު (މިނިމަމް ސެލަރީ) ވެސް ވަނީ މަތިކުރެވިފަ އެވެ. ނަމަވެސް ކޮރަޕްޝަނާއި އާންމު ހިދުމަތުގެ ފެންވަރު ދަށްވެ، އަދި ވޯލްޑް ކަޕް މައްސަލަތަކާ ގުޅިގެން ވޭތުވެ ދިޔަ 18 މަސް ދުވަަކީ ރޯސެފަށް ފަހި ދުވަސްތަކަށް ނުވި އެވެ.