06 Oct 2014, 11:38
ދ. ބަނޑިދޫ ގެއެއްގެ ގިފިލިތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ބަނޑިދޫ ގެއެއްގެ ގިފިލިތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ފަތިހު 5:10 އެހައިކަންހާއިރު ކަމަށެވެ. އަދި އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ބަނޑިދޫ ކައުންސިލްގެ ރައީސް ހަސަން ހަނީފް ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އެރަށު މީހަކާ އިދެގެން އުޅޭ ހދ. ކުޅުދުއްފުށީ ސިނަމާގޭ އަލީ ނިޔާޒު ކަމަށާއި އޭނާގެ ހަށިގަނޑުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށެވެ.
އެރަށުގައި މަސްވެރިކަންކޮށް އުޅޭ ނިޔާޒަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެރަށު މީހުން ތުހުމަތުކުރާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.