މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލަށް އެޑެން ހަޒާޑް ޖަހައިދިން ލަނޑާއި، ފަހު ހާފުގައި ޑިއެގޯ ކޮސްޓާ ޖަހައިދިން ލަނޑާއެކު 2-0 ލަނޑުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި ޗެލްސީ ހަމަޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ޗެލްސީ ހޯދި ކާމިޔާބާއެކު އެޓީމު ވަނީ ހަތް މެޗު ކުޅެގެން، ލީގު ތާވަލުގެ ކުރީގައި 19 ޕޮއިންޓާއެކު ފަސް ޕޮއިންޓުގެ ފަރަގެއް ހޯދައިފައެވެ. ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓު ލިބިފައިވާއިރު ތިން ވަނައިގައި އޮތީ 13 ޕޮއިންޓާއެކު ސައުތުހެމްޓަން އެވެ. މިރޭގެ މެޗުން ބަލިވުމުން އާސެނަލް ވަނީ، 10 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައަށް ވެއްޓިފައެވެ.

މެޗުގެ ކުރީ ކޮޅުގައި ހިނގި ހަމަ ނުޖެހުމެއްގައި އާސެނަލްގެ ކޯޗު އާސެން ވެންގާ، ޗެލްސީގެ ޓެކްނިކަލް އޭރިޔާތެރެއަށް ވަދެ އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯއަށް ހަމަލާދިން "ހަޑި" މަންޒަރު މި މެޗުގައި ފެނިގެން ދިޔައިރު، މިއީ މޮރީނިއޯއާ ކުރިމަތިލައިގެން ވެންގާ ޖެހިޖެހިގެން ބަލިވި 12 ވަނަ މެޗެވެ.

ވެންގާއާއި މޮރީނިއޯގެ ކުރިމަތިލުން -- ފޮޓޯ: ބީބީސީ

ވެންގާ މޮރީނިއޯ މޭގައި އަޅާ ކޮށްޕައިލީ، ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް، އާސެނަލްގެ އެލެކްޒިސް ސަންޗޭޒަށް ކުރި ފައުލަކާ ގުޅިގެން ހިތްހަމަ ނުޖެހިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ޗެލްސީ ކާމިޔާބުކުރީ، އާސެނަލްގެ ޕެނަލްޓީ އޭރިޔާތެރެއިން އެޓީމުގެ ލޮރެންޓް ކޮސިލްނީ ހަޒާޑަށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ހަޒާޑު އެ ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ.

ޗެލްސީގެ ފަރާތުން މި ސީޒަންގައި އެޓީމު ކުޅުނު އެހެން މެޗުތަކުން ފެނިގެން ގޮސްފައިވާ ފަދަ ރީތި ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގެ 78 ވަނަ މިނިޓްގައި ޗެލްސީގެ ދެވަނަ ލަނޑު ކޮސްޓާ ކާމިޔާބުކުރީ އާސެނަލްގެ ކުރީގެ ކެޕްޓަން ސެސް ފަބްރިގާސް ދިން ރީތި ޕާހެއް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗު ބަލަން ސްޓެމްފޮޑް ބްރިޖަށް އައި އާސެނަލްގެ ސަޕޯޓަރުން ފަބްރިގާސްއާ ދިމާކުރަމުންދިޔަ މަންޒަރުވެސް ފެނިގެން ދިޔައެވެ.
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރީން އުފާފާޅުކުރަނީ -- ފޮޓޯ: ބީބީސީ

އެތުލެޓިކޯ މެޑްރިޑުން 32 މިލިއަން ޕައުންޑަށް މިސީޒަންގައި ޗެލްސީއާ ގުޅުނު ކޮސްޓާ ހަތް މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްފައިވާ އިރު، ބާސެލޯނާއިން ޗެލްސީއާ ގުޅުނު ފަބްރިގާސްއާ ދެކުޅުންތެރީންގެ ފަރާތުން ރަނގަޅު ޕާޓްނާޝިޕެއް މިރޭގެ މެޗުގައި ފެނިގެން ގޮސްފައި ވެއެވެ.

މި މެޗުގައި މޮރީނިއޯއަށް ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ޓީމުގެ ޒުވާން ގޯލްކީޕަރު ޓިބައުޓް ކޯޓުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ހާފުގެ 24 ވަނަ މިނިޓްގައި އޭނާ ބަދަލުކުރާން ޖެހުމެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އާސެނަލްގެ ފޯވާޑް ސަންޗޭޒްގެ ގައިދަށުވެ ލިބުނު އަނިޔާއަކާ ގުޅިގެން ކޯޓުއާ ދަނޑުން ބޭލުމުން އޭނާގެ ބަދަލުގައި ޗެލްސީގެ ގޯލް ބެލެހެއްޓީ ތަޖްރިބާކާރު ކީޕަރު ޕެޓަޗެކް އެވެ.
ޗެލްސީގެ ގޯލްކީޕަރު ކޯޓުއާގެ ގައިމައްޗަށް އާސެނަލްގެ ފޯވާޑް ސަންޗޭޒް ވެއްޓެނީ -- ފޮޓޯ: ބީބީސީ

މެޗަށް ފަހު އާސެނަލްގެ ކޯޗު ވެންގާ ބުނީ، މޮރީނިއޯއާ ދެމެދު ކުޑަ ހަމަނުޖެހުމެއް ހިންގުނު ނަމަވެސް އެކަމާ ދެރަ ނުވާ ކަމަށެވެ.

"އަހަރެން ދެރަވާން ޖެހޭ ވަރުގެ ކަމެއް ކުރެވިފައި ކޮބާ؟ އަހަރެން އުޅުނީ 'އޭ' އިން 'ބީ'އަށް ދާން. އަހަރެން ހިނގައިގަތުމުން ކޮންމެވެސް މީހަކު އަހަންނަށް މަރުހަބާ ކިއުމުގެ ބަދަލުގައި ހުރަސް އެޅީ،" ސަންޗޭޒަށް ޗެލްސީގެ ކޭހިލް ހަމަލާ ދިނުމުން އެދިމާއަށް ދާން ހިނގައި ގަތްކަމަށް އިޝާރާތްކުރަމުން ވެންގާ ބުންޏެވެ.

އެހާދިސާ ހިނގުމުން އެ ދެ ކޯޗުން ދުރުކުރީ މެޗުގެ ފޯތު އޮފިޝަލް އެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ، ވެންގާއާ ދެމެދު ހިނގި ހާދިސާ ހަނދާން ނައްތާލަން ބޭނުން ކަމަށެވެ.

"އެކަމެއްވީ، މިފަދަ ބޮޑު މެޗެއްގައި އަންނަ ރުޅީގެ ސަބަބުން. ބޮޑު ދެކުލަބެއް އެހާމެ ވާދަވެރި އަދި ދެ ކްލަބަށް ވެސް މުހިއްމު މެޗެއް. މިފަދަ މެޗު ތަކުގައި ޖަޒުބާތުގެ ސަބަބުން އެކަހަލަ ހާލަތްތައް މެދުވެރިވެދާނެ،" ވެންގާއަށް ހުރަސް އަޅާފައިވެސް އަދި ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ މޮރީނިއޯ ކިޔައިދިނެވެ.