އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ނަމުގައި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތުން މިއަދު އިރާގުގެ އަންބަރު ޕްރޮވިންސްގައި އެގައުމުގެ ސިފައިންގެ ހަމީހަކު ބަޑިޖަހައި މަރާލާފައިވާ ކަމަށް 'އަލް އަރަބިއްޔާ' އިން ބުނެފި އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ، ޔުނިފޯމުގައި ހުރި އެކަކާއި ކުލަ ހެދުމުގައި ތިބި ފަސް މީހުންނާއެކު ސިފައިންގެ ޖުމުލަ ހަމީހުން މަރާލާފައި ވަނީ އާންމުންގެ ކުރިމަތީގައި މަގުގެ އަރިމަތީ ފާރެއްގައި ބޯޖައްސާފައި ބޮލަށް ބަޑިޖަހައިގެން ކަމަށެވެ.

އައިއެސްއައިއެސްގެ ހަނގުރާމަވެރިން މިއަދު ވަނީ، އިރާގުގެ ވެރިރަށް ބަޣުދާދުގެ ހުޅަނގުން 140 ކިލޯމީޓަރު ދުރުގައި އޮންނަ އެ އަވަށުގެ ޕޮލިސް ސްޓޭޝަނަކަށް ބޮންއަޅާފައި ކަމަށްވެސް އެނޫހުން ބުންނެވެ.

އިރާގުގައި އައިއެސްއައިއެސްގެ ހަނގުރާމަވެރިން އެންމެ ފަހުން ހޯދި ކާމިޔާބީއަކީ، ބުރާސްފަތި ދުވަހު ދިން ވަރުގަދަ ހަމަލާތަކުގައި އަންބަރު ޕްރޮވިންސް އެމީހުގެ ބާރުގެ ދަށަށް ގެނައުމެވެ.

އެމެރިކާއިން އިސްނަގައިގެން އަންބަރުގައިވާ އައިއެސްއައިއެސްގެ މަރުކަޒުތަކަށް ވައިގެ ހަމަލާތައް ފަށާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.