ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާގައި ޣައްޒާގެ އެތަކެއް ސަތޭކަ ރައްޔިތުންނަށް ނަމާދުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެ އެވެ.

މިއީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތުގައި 2007 ވަނަ އަހަރުގެ ފަހުން ޣައްޒާގެ ރައްޔިތުންނަށް ނަމާދުކުރުމުގެ ފުރުސަތު އިސްރާއީލުން ދިން ފުރަތަމަ ފަހަރެވެ. ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ޣައްޒާގައި ބާރުވެރިވިފަހުން، އިސްރާއީލުން ވަނީ، ޣައްޒާ ރައްޔިތުން ގުދުސްއަށް ވަނުން މަނާކޮށްފައެވެ. އަދި ޚާއްސަކޮށް އަލް މަސްޖިދިލް އަޤްޞާގައި ނަމާދުކުރުން ވަނީ އެއްކޮށް މަނާކޮށްފައެވެ.

މިދުވަސްވަރަކީ މުސްލިމުން ފާހަގަކުރާ ދީނީ އެންމެ ބޮޑު ދެ ޢީދުގެ ތެރެއިން އަޟްހާ ޢީދުގެ ދުވަސްވަރު ކަމުން މިފަދަ ފުރުސަތެއް ލިބުމުން އެތަކެއް ސަތޭކަ ބަޔަކު މަސްޖިދުލް އަޤްސާގައި ނަމާދުކުރުމުގެ ފުރުސަތު ލިބޭތޯ އެކަމުގެ ހުއްދައަށް އެދެމުންދާ ކަމަށް ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އަޟްހާ ޢީދާ ގުޅުވައިގެން ޣައްޒާ ރައްޔިތުންނަށް އަޤްޞާއަށް ޒިޔާރަތްކުރުމަށް ދީފައި ވާނީ 1500 ހުއްދަ ކަމަށެވެ. އެގޮތުން އާދީއްތަ ދުވަހު ޣައްޒާގެ 500 މީހުންނަށް ގުދުސްއަށް ވަންނާނެ ކަމަށާއި އަދި ހޯމަ ދުވަހާއި އަންގާރަ މި ދެދުވަހު އިތުރު 1000 މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޢީދު ބަންދާ ގުޅުވައިގެން ޣައްޒާގެ ރައްޔިތުންނަށް މަސްޖިދުލް އަޤްޞާއަށް ވަނުމުގެ ހުއްދަ ދިންކަމުގައިވީ ނަމަވެސް، ޢުމުރުން 60 އަހަރުން ދަށުގެ މީހުންނަށް އެ ހުއްދަ ނުދޭގޮތަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ނިންމައިފައެވެ.

ގުދުސްއަށް ވަނުމުގެ ހުއްދަ ލިބުނު ޣައްޒާގެ ރައްޔިތެއް ކަމަށްވާ، ޒައިނަބް ޙުސައިން ބުނީ، "މިއީ ރަނގަޅު ފާލެއް" ކަމަށާއި އެހެން ނަމަވެސް ޣައްޒާގެ ޒުވާނުންނަށް ވެސް އަޤްޞާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ ލިބެންޖެހޭނެ ކަމަށެވެ.

ގުދުސްއަށް ވަނުމުގެ ހުއްދަ ޣައްޒާ ރައްޔިތުންނަށް ދީފައި މިވަނީ، އިސްރާއީލާއި ހަމާސް ޖަމާޢަތާ ދެމެދު ކުރެވުނު 50 ދުވަހުގެ ހަނގުރާމަ ނިމުނުތާ ހަފްތާތަކެއް ފަހުންނެވެ. އެ ހަނގުރާމައިގައި، އިސްރާއީލުން ދިން ރަހުމުކުޑަ ހަމަލާތަކުގައި ފަލަސްތީނުގެ 2100އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ.