23 Jan 2011, 08:11
އިސްތަންބޫލް : އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ބޮޑު ހަ ޤައުމުން އީރާނާއެކު ކުރިޔަށް ގެންދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމިއްޖެވެ. މިވާހަކަތައް ނާކާމިޔާބުވީ މަދަނީ ކަންކަމުގައި އީރާނަށް ބޭނުންވާ ޔޫރޭނިޔަމް ފައްކާކުރުމުގެ ކަންތައް އީރާން އަމިއްލައަށް ކުރިޔަށް ގެންދިޔުމުގެ ބަދަލުގައި ހުޅަނގުގެ ޤައުމަކަށް ފޮނުވައިގެން މިކަން ކުރިޔަށް ގެންދިޔުމަށް ހުޅަނގުގެ ބާރުތަކުން ހުށަހެޅި ހުށަހެޅުމަށް އީރާން ދެކޮޅު ހެދުމުންނެވެ.
އީރާން ބުނާގޮތުން މިއީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގުން އެގައުމު މަހުރޫމްކޮށް، ފައްކާކުރި ޔޫރޭނިޔަމް ހޯދުމުގައި ހުޅަނގަށް ބަރޯސާވާން އީރާނަށް މަޖްބޫރުވެގެންދާނެ ހުށަހެޅުމެކެވެ. މިކަމަށް ކުރިންވެސް އީރާން ވަނީ ދެކޮޅު ހަދާފައެވެ. އިސްތަންބޫލްގައި އިއްޔެ ނިމުނީ އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ބޮޑު ހަޤައުމުން އީރާނާއެކު ކުރިޔަށް ގެންދިޔަ ވާހަކަތަކުގެ ދެވަނަ ބުރެވެ. ފުރަތަމަ ބުރު ބޭއްވީ މިދިޔަ ޑިސެމްބަރ މަހުގެ ކުރީކޮޅުގައެވެ.
އިސްތަންބޫލްގެ ވާހަކަތައް ނާކާމިޔާބުވުމާގުޅިގެން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖި ކަންތައްތަކާބެހޭ މަސްއޫލުވެރިޔާ ކެޓްރިން އެޝްޓޮން ވިދާޅުވީ މިހެންދިމާވީ މިވާހަކަތަކަށް އީރާނުން ކުރިމަތިކުރި ޝަރުތުތަކެއްގެ ސަބަބުން ކަމުގައެވެ. ނަމަވެސް މިވާހަކަތަކުގައި ބައިވެރިވެވަޑައިގެންނެވި އީރާނުގެ މަންދޫބު ސަޢީދު ޖަލީލީވަނީ އެޝްޓޮންގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. ޖަލީލީ ވިދާޅުވީ ވާހަކަތައް ކޮޅެއްގައި ނުޖެހުނީ އީރާނުގެ ނިއުކްލިޔަ މައްސަލަ ސިޔާސީ ކަމަކަށް ހަދަން ހުޅަނގުގެ ޤައުމުތައް ކުރާ މަސައްކަތް އަލުން ތަކުރާރުކުރަން އުޅުމާއި ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީން އީރާން މަޙްރޫމް ކުރުމަށް ބޮޑުފަސް ބާރުން މަސައްކަތް ކުރުމުން ކަމުގައެވެ.
ޔޫރޭނިޔަމް ފައްކާކުރުމަކީ ނިއުކްލިޔަ ފެތުރުން މަނާކުރާ މުޢާހަދާ މަނާކުރާ ކަމެއްނޫން ކަމަށާއި ބޮޑެތި ބާރުތަކަށާއި ހުޅަނގުގެ ޤައުމުތަކަށް މިޙައްޤު އޮންނައިރު މިޙައްޤުން އީރާން މަޙްރޫމް ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ޖަލީލީ ވިދާޅުވިއެވެ. އިސްތަންބޫލްގައި ކުރިޔަށްދިޔަ އީރާނުގެ ނިއުކްލިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުނުއިރު މިވާހަކަތަކުގެ އިތުރު ބުރެއް ބާއްވާނެތަނެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔަ ވާހަކަތައް އަލުން ކުރިޔަށް ގެންދިޔުމަށްޓަކައި ޑިޕްލޮމެޓިކް ދޮރުތައްހުރީ ހުޅުވިފައި ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކުވަނީ ވިދާޅުވެފައެވެ.
އީރާނުގެ ނިއުކްލިޔަރ މައްސަލައަކީ ޙަޤީޤީ މައްސަލައަކަށްވުރެ ބޮޑަށް އެއީ އީރާނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުން ސިޔާސީ ބޭނުންތަކެއްގައި ހިންގާ ކަންތައްތަކެއް ކަމަށް މުހައްލިލުން ސިފަކުރެއެވެ.