ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި މުދައްރިސުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ފޮނުއްވައިފި އެވެ.

ބަރަކާތްތެރި ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް މިވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި ރައީސް ޔާމީން، މިރޭ ފޮނުއްވި މެސެއްޖެއްގައި ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ އެންމެހައި ހީވާގި މުދައްރިސުންނަށާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

ޓީޗަރުންނަކީ ފަންނުވެރި ބަޔަކަށް ހެދުމަށްޓަކައި، މިހާރު ވެސް ހިންގަމުންދާ ތަމްރީނުގެ ފުރުސަތުތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ރާއްޖޭގެ ހުރިހާ ޓީޗަރުންނަށާއި ޕްރިންސިޕަލުންނަށް އަމާޒުކޮށް މި އަހަރުގެ ފަހުކޮޅު ހުޅުވާލުމުގެ މަސައްކަތް ކުރަންމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރު ޑރ. އައިޝަތު ޝިހާމް ވަނީ މިއަދު އެކަމަނާ އިއްވެވި ޓީޗަރުންގެ ދުވަހުގެ ހިޠާބުގައި ވިދާޅުވެފައެވެ.

ތައުލީމީ ސިޔާސަތުތައް ތަންފީޒުވާ އެންމެ މުހިންމު މަގާމަކީ ކްލާސްރޫމްކަން ފާހަގަކުރައްވައި، ދަރިވަރުން ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތާއި އެ މަސައްކަތް ކުރަން ޖެހޭ މިންވަރާއި އެ މަސްއަކަތް ކުރަން ޖެހޭ ފެންވަރު ޓީޗަރުންނަށް ސާފުކޮށްދެއްވައި އެމަސައްކަތް ރަނގަޅަށް ކުރެވޭނޭ މަގުތައް ތަނަވަސް ކޮށްދެއްވުމަކީ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިއެއް ކަމަށްވެސް ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.