ޖަރުމަން ބުންޑެސްލީގާ ގައި ވަރުގަދަ ބަޔާން މިއުނިކުން އެމީހުންގެ ދަނޑުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާގައި އިތުރު މޮޅެއް ހޯދިއިރު ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ހެމްބާގް އަތުން ބަލިވެއްޖެ އެވެ.

ޗެމްޕިއަން ބަޔާން ރޭ ކުޅުނު މެޗުގައި ހެނޯވާގެ މައްޗަށް ކުރި ހޯދީ 4-0 ންނެވެ. މެޗު ފަށައިގެން ހަވަނަ މިނިޓުގައި ބަޔާނަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޕޮލަންޑްގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އެވެ. 13 ވަނަ މިނިޓުގައި އަރްޔެން ރޮބެން ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާނަށް ފަރަގު ބޮޑުކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި ބަޔާން އަށް ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

މެޗުގައި ބަޔާން އިން ޖެހި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރޮބެން އެވެ. ރޭގެ މެޗުގައި ރޮބެން އާއި ލެވަންޑޯސްކީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ބަޔާން ހަތަރު ލަނޑުން މޮޅުވިއިރު އަމިއްލަ ދަނޑުގައި ހެމްބާގް އާ ކުޅެ ވާދަވެރި ޑޯޓްމަންޑް ވަނީ 1-0 ލަނޑުން ބަލިވެފައެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ހެމްބާގްގެ ހުނަރުވެރި ކުޅުންތެރިޔާ މައިކަލް ލަސޯގާ އެވެ.

ބުންޑެސްލީގާ ތާވަލުގެ އެންމެ ކުރީގައި 17 ޕޮއިންޓާއެކު ބަޔާން މިއުނިކް އޮތް އިރު ޑޯޓްމަންޑް އޮތީ ހަތް ޕޮއިންޓާއެކު ތޭރަ ވަނައިގައެވެ.