05 Oct 2014, 17:34
ސްޕެނިޝް ލީގުގައި ރޭ ރައޯ ވައެކާނޯ އަތުން 2-0 ން ބާސެލޯނާ މޮޅުވިއިރު ވެލެންސިޔާއާ ވާދަކޮށް އުތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ އެވެ.
އެސްޓާޑިއޯ ޑެ ވަލޮކާސް ގައި ކުޅުނު މެޗުގައި ބާސެލޯނާއަށް ލަނޑު ތައް ކާމިޔާބުކޮށްދީފަ އިވަނީ ލިއޮނެލް މެސީ އަދި ނޭމާ އެވެ. މެޗުގައި ބާސެލޯނާ އިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. އޭގެ މިނިޓެއް ފަހުން ބްރެޒިލްގެ ތަރި ނޭމާ ވަނީ ލަނޑެއް ޖަހައި ބާސާ އަށް އަނެއްކާވެސް ލަލީގާގައި މޮޅެއް ހޮދައިދީފައެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވި މެޗައްފަހު ބާސެލޯނާ އިންވަނީ ރޭގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ބާސެލޯނާ އިން ލީގުގައި ދަމަހައްޓަމުން އަންނަ ލީޑު ފުޅާކުރިއިރު ވާދަވެރި އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅެ 3-1 ން ބަލިވެފައެވެ. ރޭގެ މެޗުގައި ވެލެންސިއާ އިން ވަނީ މެޗު ފަށައިގެން ކައިރި ކައިރީގައި ތިން ލަނޑު ޖަހާފައެވެ. މެޗުގައި ވެލެންސިއާ އިން ޖެހި ފުރަތަމަ ގޯލަކީ އެތުލެޓިކޯގެ މިރާންޑާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ މިނެޓެއް ފަހުން އަންދްރޭ ގޯމޭޒް ވަނީ އިތުރު ލަނޑެއް ޖަހައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 13 ވަނަ މިނިޓުގައި ނިކޮލަސް އޮޓަމެންޑީ ވަނީ މެޗުން ތިން ޕޮއިންޓް ވެލެންސިއާއަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން 29 ވަނަ މިނިޓުގައި ކްރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒުކިޗް ވަނީ އެތުލެޓިކޯއަށް ސުން ކަނޑުވާލައި ދީފައެވެ.
ލަލީގާ ތާވަލުގެ އެންމެ ކުރީގައި ބާސެލޯނާ 17 ޕޮއިންޓާއެކު އޮތް އިރު ރޭގެ މެޗުން ބަލިވި އެތުލެތިކޯ މެޑްރިޑް އޮތީ 14 ޕޮއިންޓާއެކު ތިން ވަނައިގައެވެ.