ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް ދީނީ ހަރުކަށި މީހުންގެ ނުރައްކާ އޮތް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ރޭ ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސް އެޖެންސީ، އޭއެފްޕީ އިން ބުނީ ނަޝީދަށް އޮތް ނުރައްކަލުގެ ތެރޭގައި "އިސްލާމިސްޓް އެކްސްޓްރީމިސްޓުން"ގެ ނުރައްކާ ހިމެނޭ ކަމަށެވެ.

"އިންޒާރުގެ މިމެސެޖަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ފޮނުވަމުން އަންނަ ފަދަ އިންޒާރުގެ މެސެޖެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީ އިން ބުނީ ރައީސް ނަޝީދަށް އިންޒާރުގެ މެސެޖު ލިބުމުގެ ކުރިން ޢެމްޑީޕީގެ މައި އޮފީހަށާއި އެމަނިކުފާނުގެ ގެކޮޅަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ފަރާތްތައް އިތުރުވަމުންދާ މައްސަލަ އަދި ދާދި ފަހުން މިފަދަ ކުށްތައް ކުރުމަށް ހައްދުފަހަނަޅާފައިވާ ފަރާތްތައް ގޭންގުތައް ބޭނުންކުރާ މައްސަލާގައި ރައީސް ނަޝީދު ވަނީ ތަފާތު އެތައް ފަހަރަކު އެމަނިކުފާނުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީ އިން ބުނީ ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރި ކަމަށް މަސައްކަތް ކުރަން ދިވެހި ފުލުހުން ވަނީ ނުކުޅެދިފައި ކަމަށެވެ. އަދި ޓެރަރިޒަމްގެ އެފަދަ މައްސަލަތަކަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.