މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަކު ދޫކޮށްލުމަށްފަހު ބާކީ ތިބި ތިން މީހުންގެ ތެރެއިން އެކު ފަސް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ދެންތިބި ދެ މީހުންގެ ތެރެއިން އެކަކު ހަތް ދުވަހަށް އަދި އަނެއް މީހާ 10 ދުވަހުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭ އާއި ހުޅުމާލޭ އާއި ވިލިމާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަށް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ލިބިފައިވާ ފޮރެންސިކް ބައެއް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.