05 Oct 2014, 16:28
ހދ. ނެއްލައިދު އަށް އާ ޖަނަރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ކުންފުނިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނިން ގެނެސްފައިވާ 77 ޖަނަރޭޓަރުގެ ތެރެއިން ޖަނަރޭޓަރެއް ނެއްލައިދު އަށް ވެސް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން ރަށްރަށަށް ފޮނުވުމަށް ލަފާކޮށްފައިވާ ދުވަހަށް ވުރެ ފޮނުވުން ލަސް ވެސް ވެދާނެ ކަމަށެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ޖަނަރޭޓަރު ގެންގޮސް ކަރަންޓްދޭން ފެށޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ވަގުތު ހދ. ނެއްލައިދޫގައި ވަނީ ކަރަންޓްގެ ހިދުމަތްކެނޑިފަ އެވެ. މި ގެނެވުން 77 ޖަނަރޭޓަރުގެ ތެރޭގައި އެއް ޖަނަރޭޓަރު ވަނީ ހދ. ނެއްލައިދޫ އަށް ފޮނުވަށް ހަމަޖެހިފަ އެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ހދ. ނެއްލައިދު އަށް ޖަނަރޭޓަރު ފޮނުވި އެ ރަށަށް ކަރަންޓް ހިދުމަތް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންވެ." އެ ބަޔާނުގައިވެ އެވެ.
ނެއްލައިދޫން ކަރަންޓް ކަނޑައިގެންދާ މައްސަލަ އަށް ހައްލެއް ނުލިބޭތީ އެ ރަށުގެ ރައްޔިތުންގެ ބަޔަކު ނުކުމެ މިއަދު ވަނީ މުޒާހަރާ ކުރަންފަށައިފަ އެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ރޯދަ މަހުން ފެށިގެން ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ނުކުމެ މުޒާހަރާކުރަން ފެށީ ރޭ ދަންވަރު 3:00 އެހާކަންހާއިރުން ފެށިގެން ހެނދުނުވީ އިރު ވެސް ކަރަންޓް ނުލިބުމުން ކަމަށެވެ. އޭނާ ވިދާޅުވީ 1200 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރަނީ 80 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރު ލޯޑު ބޮޑުވެގެން ކޮންމެ ފަހަރަކު ވެސް ކަރަންޓް ކަނޑާލަން ޖެހެނީ ކަމަށެވެ.