05 Oct 2014, 16:13
ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިމުމަށް އެމެރިކާ އަށް ދިޔަ ވަފުދެއްގެ ދެ ޕާސްޕޯޓާއި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ބަޔަކު ލޫޓުވާލައިފި އެވެ.
ފޮރިން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ސެން ފްރެސްސިސްކޯ، ކެލިފޯނިޔާގައި ހިނގި ހާދިސާގައި ހަތަރު ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ޕާސްޕޯޓް ލޫޓުވާލާފައިވާ ކަމަށާއި އަދި އެބޭފުޅުންގެ ބައެއް އިލެކްޓްރޯނިކް ސާމާނު ވެސް ލޫޓުވާލައި ނޫނީ ފޭރިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ތަކެތި ފޭރިގެންފައި ވަނީ ކާރު ޕާކްކޮށްފައި އޮއްވައި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
"އެ ހާދިސާ ހިނގާފައި ވަނީ ކާރު ޕާކްކޮށްފައި އޮވައި ކާރު ހަލާކުކޮށްލައި އެ ތަކެތި ލޫޓުވާލީ." ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޭނާ ވިދާޅުވީ އެބޭފުޅުން ރައްކާތެރިކަމާ އެކު ރާއްޖެ ގެނައުމުގެ މަސައްކަތް ނިއުޔޯކްގައި ހުންނަ ރާއްޖޭގެ މަރުކަޒު މެދުވެރިކޮށް ކުރައްވަނުން އަންނަ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ ސެންފްރެސްސިސްކޯގައި އޮތް އޮރަކަލް އޯޕަންވޯލްޑް ކޮންފަރެންސުގައި ބައިވެރިވުމަށް ދިޔަ ދިވެހި ސަރުކާރުގެ ޑެލިގޭޝަންގެ މެންބަރުން ބޭނުން ކުރި ކާރުން ލޫޓުވި ތަކެތީގެ ތެރޭގައި ޕާސްޕޯޓާއި ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނޭ ކަމަށެވެ.