23 Jan 2011, 07:57
ލަންޑަން : މުސްލިމުންނަށް ޖެއްސުން ކުރުމަށްޓަކައި ކީރިތި ޤުރްއާންގެ ކޮޕީތައް އެންދުމަށް ގޮވާލާފައިވާ އެމެރިކާ ހައްދުފަހަނަޅާފައިވާ ނަސާރާ ފާދިރީ ޓެރީ ޖޯންސް އިނގިރޭސިވިލާތަށް އެރުން މަނާކުރުމުން އިނގިރޭސި މުސްލިމުންނާއި މުސްލިމުންގެ ޖަމާޢަތްތަކުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެމެރިކާ ހައްދުފަހަނަޅާފައިވާ ނަސާރާ ފާދިރީ ޓެރީ ޖޯންސް އިނގިރޭސިވިލާތަށް ޒިޔާރަތް ކުރަންއުޅުމުން އޭނާ އިނގިރޭސިވިލާތަށް އެރުމުގެ ހުއްދަ ނުދެވޭނެ ކަމަށްބުނާ ޤަރާރު އިނގިރޭސި ދާޚިލިއްޔާއިން ނެރުނީ މިކަމަށްޓަކައި އިނގިރޭސި މުސްލިމުން ކުރި ވަރުގަދަ ކޭންޕޭނެއްގެ ސަބަބުން ކަމަށް ވެއެވެ.
ޓެރީ ޖޯންސް އިނގިރޭސިވިލާތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ނުދިނުމަށާއި އަދި ހުއްދަދީފިނަމަ ނަތީޖާ ގޯސްވާނެ ކަމުގެ އިންޒާރު، އިނގިރޭސި މުސްލިމުންގެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި މުސްލިމުންގެ ވަކިވަކި ފަރުދުން، ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަށާއި ވެރިކަންކުރާ ކޯލިޝަންގެ ބާރުގަދަ ފަރާތްތަކަށް ދިންކަމަށް ޚަބަރުތައް ބުނެއެވެ.
ޓެރީ ޖޯންސް އިނގިރޭސިވިލާތަށް ގެނައުމަށް މަސައްކަތްކުރީ އިނގިރޭސިވިލާތުގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ "އިންގްލިޝް ލީގް ފޯ ޑިފެންސް" ގެ އެކްޓިވިސްޓުންނެވެ. މިއީ މުސްލިމުންނާމެދު ޒާތީ ހަސަދާއާއި ނަފްރަތުގެންގުޅޭ ޒަޔަނިސްޓް ޚިޔާލުގެ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ޓެރީ ޖޯންސް އިނގިރޭސިވިލާތަށް އައުމުން އޭނާއާ ގުޅިގެން އިނގިރޭސި މުސްލިމުންނަށާއި އަދި މާތްވެގެންވާ އިސްލާމްދީނާ ދެކޮޅަށް ލިޓޮންގައި އަޑުއުފުލުމަށާއި އިނގިރޭސިވިލާތުގައި މިސްކިތް ބިނާކުރުމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ބޭއްވުމަށް މިޖަމާއަތުން ވަނީ ރާވާފައެވެ.
އިނގިރޭސިވިލާތުންވަނީ ނަސާރާއިންނާއި ޔަހޫދީންގެ ފޮތްތައް އެންދުމަށް ގޮވާލައްވާފައިނުވާ މަޑުމައިތިރި އިސްލާމީ ބައެއް ދަންނަބޭކަލުންވެސް އެޤައުމަށް އެރުން މަނާކޮށްފައެވެ. މީގެތެރޭގައި މިސްރުގެ ޢަލްޢައްލާމާ ޑޮކްޓަރ ޔޫސުފު އަލްޤަރްޟާވީ އާއި އިންޑިޔާގެ މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ ޑޮކްޓަރ ޒާކިރު ނައިކް ހިމެނިވަޑައިގަންނަވައެވެ. ޓެރީ ޖޯންސް އިނގިރޭސިވިލާތަށް ވަނުން މަނާކުރުމަށް، މެދުމިނުގެ ޚިޔާލުގެ އިނގިރޭސި ނަސާރާއިންވެސްވަނީ ގޮވާލާފައެވެ.