ތަރުކާރީ ފޮށިގަނޑެއްގެ ތެރެއަށް އަޅައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ 24 ގަޑިއިރު ހަމަވާން ކައިރިވެފައި ވަނިކޮށް ފުލުހުން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަށް ހުކުރު ދުވަހު ޖަސްޓިސް ބިލްޑިންގްއަށް ގެންގޮސްފައި ވަނިކޮށް ވަގުތު ހަމަވިއިރު ވެސް އެ ބިލްޑިންގް ނުހުޅުވިގެންނެވެ.

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަސްޓިސ ބިލްޑިންގް ހުޅުވުމަށް ހަމަޖެހިފައި އޮންނަ ވަގުތުގެ ކުރިން އެތަން ހުޅުވަން ޖެހޭ ކަމަށް ކްރިމިނަލް ކޯޓުން އެތަނަށް އަންގާފައިނުވާ ކަމަށެވެ. އަދި ފަންހިޔާ ބިލްޑިންގް އަކީ ކްރިމިނަލް ކޯޓާ ހަވާލުކޮށްފައި ހުންނަ ތަނެއް ކަމަށާއި އެހެންކަމުން އެތަނަށް ގެންގޮސްގެން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަކީ އެ ކޯޓަށް ކުރެވިދާނެ ކަމެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލަން ޖެހުމުގައި ފުލުހުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގެނެސްފައި ވަނީ ވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ކަމަށާއި ބުރާސްފަތި ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ ވެސް އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުގެ ފުރުސަތު ފުލުހުންނަށް އޮންނާނެ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ރާއްޖެއިން ބޭރަށް ފުރުން ކޯޓު އަމުރެއްގެދަށުން މަނާކޮށްފައިވާ ކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.