05 Oct 2014, 12:35
އަންނަ އަހަރުގެ ކިޔެވުން ފަށާ އިރު ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް ޓީޗަރުންގެ އަތްމަތީ ފޮތާއި ބެލެނިވެރިންގެ އަތްމަތީ ފޮތާއި އަދި އިދާރީ ހިންގުމުގެ އަތްމަތީ ފޮތްތަކެއް ހައްދަވައި އަމަލު ކުރައްވަން ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ އަންނަ އަހަރު ކިޔަވަން ފެށޭ އިރު ސްކޫލްތަކުގެ ތަރަގީގެ ޕްލޭން އެކުލަވާލެވި އަމަލުކުރަން ފައްޓަވާނެ ކަމަށެވެ.
އެކަމަނާ ވިދާޅުވީ ސްކޫލްތަކުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ޓަކައި މިއަހަރު ނިމުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާ ބައްދަލު ކުރައްވާނެ ކަމަށާއި މިހާތަނަށް އައިރު 90 ޕަސެންޓް ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި ނިމިފައިވާ ކަމަށެވެ.
"މި އަހަރު ނިމޭ އިރު މިނިސްޓްރީގެ ކަމާ ބެހޭ މުވައްޒަފުން، ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާ ބައްދަލުކޮށް މިނިސްޓްރީގެ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސްކޫލްތަކުން ކުރަންވާ ކަންކަން ސާފުކޮށްދޭނެ. އަދި އަހަރުގެ މިހިސާބަށް ދިޔަ އިރު އެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި. މާތް ﷲގެ ވާގިފުޅާ އެކު، މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާނީ 2015 ވަނައަހަރުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް، ޓީޗަރުންގެ އަތްމަތީފޮތާއި ބެލެނިވެރިންގެ އަތްމަތީފޮތާއި އިދާރީ ހިންގުމުގެ އަތްމަތީ ފޮތާއި ސްކޫލުގެ ތަރަގީގެ ޕްލޭން އެކުލަވާލެވި، އަމަލުކުރަން ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމަ އެހެންމެ ވަކި ވަކި މާއްދާތަކުން ކުރިއެރުން ހޯދުމަށް ޓީޗަރުން ކުރަންވީ މަސައްކަތްތައް ދުރާލާ ރާވައި ތަފްސީލް ކޮށްދިނުމަށް "ސަބްޖެކްޓް އިމްޕްރޫވޮމަންޓް ޕްލޭން" ވެސް ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އަންނަ އަހަރުން ފެށުމުގެ ކުރިން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
" ތައުލީމީ ސިޔާސަތުތައް ތަންފީޒުވާ އެންމެ މުހިންމު މަގާމަކީ ކްލާސްރޫމް. ހަމަ އެހެންމެ، ތަޢުލީމީ ސިޔާސަތު ހިންގުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރަނީ ޓީޗަރުން. ވުމާ އެކު، ދަރިވަރުން ބިނާކުރުމަށް ކުރަން ޖެހޭ މަސައްކަތާއި އެ މަސައްކަތް ކުރަން ޖެހޭ މިންވަރާއި އެ މަސްއަކަތް ކުރަން ޖެހޭ ފެންވަރު، ޓީޗަރުންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދީ އެގޮތަށް މަސައްކަތް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ މުހިންމު އެއް ލަނޑުދަނޑި،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ތަޢުލީމީ ގާބިލު ދަރިވަރުން އުފެއްދުމަށް ޓީޗަރުންގެ ފަންނުވެރިކަން ތަރައްގީކޮށް، ކިޔަވައިދިނުމުގެ އާ އުކުޅުތަކަށް ޓީޗަރުން އަހްލުވެރުކުރުވުމަކީ ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ހިންގަމުންދާ ތަމްރީނުގެ ފުރުސަތުތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ރާއްޖޭގެ ހުރިހާ ޓީޗަރުންނަށާއި ޕްރިންސިޕަލުންނަށް އަމާޒުކޮށް މި އަހަރުގެ ފަހުކޮޅު ހުޅުވާލުމުގެ މަސައްކަތް ކުރަންމުންދާ ކަމަށެވެ.
ތައުލީމީ "ފާލަމުން ދަތުރުކުރާ" އެންމެ ދަރިއަކު ވެސް ބާކީނުކޮށް އުޖާލާ އަރުތަވެރި މަންޒިލަކަށް ކޮންމެ ދަރިއަކު ވެސް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒުކަމުގައި ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.