05 Oct 2014, 12:02
މެކްސިކޯގެ ގުއެރޭރޯ ސްޓޭޓްއިން މިދިޔަ ހަފްތާގައި 43 ކޮލެޖު ކުދިން ގެއްލުނު ސަރަހައްދުން ގިނަ އަދަދެއްގެ މަރުވެފައި ތިބި ބަޔަކު އިއްޔެ ފެނިއްޖެއެވެ.
އެތަނުން ފެނުނު ހަށިގަނޑުތަކަކީ މިދިޔަ ހަފްތާގައި ގެއްލުނު ކުދިންނަށް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ތެރޭގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.
މެކްސިކޯ ގުއެރޭރޯގެ ސްޓޭޓް އެޓާނީ ޖެނެރަލް އިންޔާކީ ބްލާންކޯ ވިދާޅުވީ އެ ހަށިގަނޑުތަކުގެ ޑީއެންއޭ ޓެސްޓު ހެދުމަށްފަހު ނޫނީ އެއީ ކޮން ބައެއް ކަން ނޭނގޭނެ ކަމަށެވެ.
އެކުދިން ގެއްލިފައި ވަނީ ގުއެރޭރޯ ސްޓޭޓުގައި ދުއްވާފައި ދިޔަ ބަހެއް ބަހެއް ހައިޖެކް ކޮށް ހަތިޔާރުއެޅި ބަޔަކު އެއަށް ބަޑިޖެހިފަހުންނެވެ. އެ ބަހުގައި ތިބި ސްކޫލް ކުދިންގެ ތެރެއިން ހަތަރު ކުދިން އެ ހަމަލާގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މެކްސިކޯގެ އިގުއާލާ ސިޓީގެ ޕޮލިހުން ވަނީ ބަޑިޖަހައި ހަތިޔާރު އެޅި މީހުންގެ ތެރެއިން ހަ މީހަކު މަރާލާފައެވެ.
އެ ކުދިން ހޯދުމަށް ކުރަމުން އަންނަ މެކްސިކޯ އޮތޯރިޓީން ވަނީ ވަޅުލާފައި ތިއްބާ ފެނުނު 20 ގަބުރު ކޮނެގެން ނަގާފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް 30 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 22 މީހުންނަކީ މުނިސިޕަލް ޕޮލިސް އޮފިސަރުންނެވެ.
މިއީ 2012 އަހަރަށްފަހު ގިނަ އަދަދަކަށް ބަޔަކު މެކްސިކޯއިން ގެއްލުނު ފުރަތަމަ ފަހަރުއެވެ.
މެކްސިކޯގެ ކުރީގެ ރައީސް ފެލިޕް ކެލްޑާން ވެރިކަމުގައި ޑްރަގް ޑީލްތައް ހުއްޓުވުމަށް މިލިޓަރީއާ ހަވާލު ކުރިފަހުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.
ގުއެރޭރޯއަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ސްޓޭޓަށް ވާއިރު އެތަނަކީ މިހާތަނަށް އެންމެ ގިނައިން މަރުޖުވާނާ އާއި އޮޕިއަމް ޕޮޕީގެ ވިޔަފާރި ކުރަމުން އަންނަ ސަރަހައްދެވެ.