23 Jan 2011, 07:38
ގާސިމްބެ ރަށު އުތުރުފަރާތު ފަޅުތެރެއިން ބޮއްކުރައެއްގައި ދަތުރުކުރަމުން ދިޔަ އެވެ. ކުއްލިއަކަށް ހޭޅިފަށުގައިވާ ކުރެދި ގަސްތަކުތެރެއިން ފުންމާލިތަން ފެނުނީ ބޮޑު ބިޔަ އެއްޗެކެވެ. ގަތް ބިރުން ބޮއްކުރާ ދޫކޮށްލުމަށްފަހު ދުވެފައި ރަށުތެރެއަށް އަރާ އަޑުގެ ކޮޅަށް ގޮވަމުންދިޔައީ ދުވަހަކު ވެސް ނުފެންނަވަރުގެ ބޮޑު ބޮނޑެއް ކުރެދިފަލުގައި އެބައޮތް ކަމަށެވެ.
ގާސިމްބެގެ އަޑަށް ބުރުނީ ރައްޔިތުންގެ ރަށުގެ އުތުރުކޮޅުގައި އޮންނަ ކުރެދިފަލާ ދިމާއަށް ގޮސް ބެލިއިރު ބޮނޑެއް ނުފެނުނެވެ. ފެނުނީ ގޮތް ނޭނގޭ އެއްޗެއްގެ ފިޔަވަޅެވެ. އެހެންނަމަވެސް ގާސިމްބެއަށް ފެނުނު މާސިންގާ ބޮނޑާމެދު ރައްޔިތުން ވިސްނުމަށް ފަހު ނިންމުނީ އެއީ ބޮޑު ކިނބުލަކަށް ވެދާނެ ކަމަށެވެ. އެގޮތަށް ވިސްނަން އެނގުނީ ރަށަށް އަރުވާލާފައި ހުރި މީހެއްގެ ލަފަޔަށެވެ.
~
"އޭގެ ފަހުން ރަށު ތެރެއިން ފިޔަވަޅުތައް ފެންނަން ހުރޭ. އަބަދުވެސް ރޭގަނޑު ރަށައް އަރައި ފައިބައިގެން ގޮސް ހުންނަނީ. ދުވާލު ވަގުތަކު އެއްގޮތަކަވެސް ނުފެނޭ." މީގެ 26 އަހަރު ކުރިން 1985 ވަނަ އަހަރު ބުރުންޏަށް އެރި ކިނބުލުގެ ވާހަކަ ކިޔައިދެމުން ބުރުނީ ކަތީބު މޫސާ ހުސައިން ވިދާޅުވި އެވެ.
ބުރުނީގައި ކިނބުލެއް އުޅޭކަން އެނގުމާ އެކު އެއްވެސް މީހަކު ރޭގަނޑު އަތިރިއަށް ނުފޭބުމަށް ރަށު އޮފީހުން އެނގި އެވެ. ހާއްސަކޮށް ކުޑަކުދިން އެއްގޮތަކަށް ވެސް އަތިރި މައްއްޗަށް ނުދިއުމުގެ އަމުރެއް ރަށު އޮފީހުން ނެރުނެވެ.
ބުރުނީ އެއްވެސް މީހަކަށް ކުރިން ކިނބުލެއް ފެނިފައި ނުވާތީ ކިނބުލަކީ ކިހިނެއް އޮންނަ އެއްޗެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. ރަށުގެ ރައްޔިތުންނަށް ކިނބުލުގެ ސްކެޗެއް ކުރަހައި ދައްކައިދިނީ ރަށަށް އަރުވާލާފައި ހުރި މީހާ އެވެ.
"ކިނބުލުގެ ތަސްވީރު ފެނުމުން ރަށު އެންމެންގެ ބިރުވެރިކަން ދިޔައީ ހައްތާ މައްޗަށް. ވަރަށް މަދުން ނޫނީ އެއްވެސް މީހަކު ގެއިން ބޭރަކަށް ނުނުކުމޭ. ހާއްސަ ކޮށް އިރު އޮއްސުމާ އެކު އެންމެން ތިބެނީ ގޭތެރެއަށް ވަދެ. މުޅި ރަށަށް އޮންނަނީ ހަމަހިމޭންކަން ވެރިވެފަ. ކަރަންޓުވެސް އޭރު ނުހުރޭ." މޫސަ ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ނުރައްކާތެރި އެއްޗެއް ރަށަށް އަރައި އުޅުނަ ދީގެން ނުވާނެކަމަށް ނިންމައި ކިނބޫ މާރާލުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަން އެއްބަސްވި އެވެ. އެ އޮޕަރޭޝަނުގައި 500 ވަރަކަށް މީހުން ދިރިއުޅޭ ބުރުނީގެ ހުރިހާ ފިރިހެނުން ފަސް ގްރޫޕަކަށް ބާހާލައި، އިރު އޮއްސުމުން ރަށުގައި ފޯރި މަރަން ފެށި އެވެ.
"އެ ގްރޫޕްތަކުން މަޝްވަރާ ކުރަން ފެށީ ކިނބޫ މަރާލާނެ ގޮތަކާ މެދު. އޭރު އޮތީ އަތޮޅު އޮފީހުގައި ދަންނަވައިގެން ސިފައިންނަށް ވެސް އެކަން އަންގާފަ،" ކިނބޫ މަރަން އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގެންނެވި ކަތީބު ވިދާޅުވި އެވެ.
ކިނބޫ މަރާލަން ފެށި އޮޕަރޭޝަންގައި ދެ ހަފުތާ ވީ އިރުވެސް ކުރިއެރުމެއް ލިބޭގޮތެއް ނުވި އެވެ. ނަމަވެސް އެންމެންވެސް މަސައްކަތް ކުރީ ރަށަށް އަރައިގެން އުޅޭ ކިނބުލުގެ ނުރައްކަލުން އާއިލާ އާއި އަނބި ދަރީން ސަލާމަތް ކުރުމަށެވެ.
"އިރު އޮއްސުމާއެކު އަތު ޖެހުނު ހަތިޔާރެއް ހިފައިގެން ކޮންމެ މީހަކުވެސް ނުކުންނަނީ. ބައެއް މީހުން ދަނގަޑު ބުރި ހިފައިގެން ތިބެނީ. ބައެއް މީހުން ކަތިވަޅިޔާ ލަކުޑި ބުރިކަހަލަ އެއްޗެހި ހިފައިގެން ނުކުންނަނީ. ދެ ހަފްތާ ވީރުވެސް ކިނބޫ ފެންނަ ގޮތެއް ނުވި."
އޭގެފަހުން ސަރުކާރުން ބުރުންޏަށް ސިފައިންގެ ތިން މީހަކު ފޮނުވައި އެމީހުންވެސް ރައްޔިތުންނާ އެކު ކިނބޫ މެރުމުގެ އޮޕަރޭޝަނުގައި ބައިވެރިވި އެވެ.
ސިފައިންނާއި ގުޅިގެން ހަފްތާއެއް ހާ ދުވަސް ވަންދެން ކުރި މަސައްކަތުގައި ކާމިޔާބު ނުލިބުމުން ސިފައިނާއި ރައްޔިތުން މަޝްވަރާކޮށްގެން ނިންމީ ދުވާލު ވަގުތު މޫދު ބަލައި ރޭ ގަނޑު ރަށު ތެރެ ބެލެ ހެއްޓުމަށެވެ.
"މި ނިންމުމާ ގުޅިގެން ކަނބުރު ކަން ކުރާ ދެ މީހަކު ލައްވާ ދޮޅު ފޫޓުގެ ދެ މަޑަ ހަދައި ދަނޑިއެއްގައި ދެ މަޑަ ހަރުކޮށްގެން މޫދު ބަލަން ފެށީ. އެހެން އުޅުމުގެ ތެރޭގައި ފަޅު ތެރެއިން ކިނބޫ ފެންނަން ފެށީ. ފެންމަތިން ފެނިގެން އެއް ގޮތަކަށްވެސް އަތުލައި ގަނެވޭ ގޮތެއް ނުވި." ކަތީބު ވިދާޅުވި އެވެ. "ފެންމަތިން ކިނބޫ އަތުލައި ނުގަނެވޭނެކަން އެނގުމުން ދެން ބެލީ ކިނބޫ މަޑުކޮށްގެން އޮއްވައި ފެނޭތޯ،"
ބުރުނީ ރައްޔިތުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކިނބޫ އަތުލައިގަނެވުނީ ފަރުމަތީ ގަލެއްގެ ކައިރީ އޮއްވަ އެވެ. މަރައިލީ ކިނބުލުގެ ބޮލަށް މަޑަ ޖަހައި ބަލި ކުރުމަށްފަހު ސިފައިން ބަޑި ޖަހައިގެނެވެ.
"އޭތި ތެޅިގަތް ގަތީނުން މަޑަ ހަރުކޮށްފައި ހުރި ފަލަ ދަނޑިވެސް ބިންދާލި ދެން އެންމެން އައިސް ކިނބޫ ބޮލަށް ދެވަނަ މަޑަ ޖެހީ. މަޑަ ޖައިހައި ބަލިކޮށްގެން ކިނބޫ މައްޗަށް ނެގީމާ ސިފައިން ކިނބުލަށް ބަޑިޖަހާ މަރާލީ،"
ސިފައިން އެ ކިނބުލަށް ތިން ފަހަރެއްގެ މަތިން ބަޑި ޖެހިއެވެ.
ކިނބުލަށް މަޑަ ޖެހުމަށް ފަހު ފަޅުތެރޭގައި ތިބި މީހުން ހަރު އަޑުން "ޖަހައިފި ޔޯ! ޖަހައިފި ޔޯ!" ގޮވަން ފެށިކަމަށް ކަތީބު ވިދާޅުވި އެވެ. ނަމަވެސް އެއްގަމުގައި މަންޒަރު ބަލަން ތިބި މީހުންނަށް ހީވީ "ކައިފިޔޯ! މީހަކު ކައިފި ޔޯ! ގޮވަނީ ކަމަށެވެ.
"އަތިރީގައި މަންޒަރު ބަލަން އެއްވެ އޮތް އެންމެން ގޮވީ މީހަކު ކައިފިޔޯއޭ! އެހިސާބުން މީހުންގަނޑު ހާސްވެގެން ތެޅި ގަތީ. އެއްގަމުގައި ތިބި މީހުންނަށް ހީވީ ކިނބޫ މީހަކު ކައިލީކަމަށް. ވީނުވީ އެނގުނީ މަރުވެފައި އޮތް ކިނބޫ ސިފައިން އެއްގަމަށް އެރުވުމުން،" ކަތީބު ވިދާޅުވި އެވެ.
ބުރުންޏަށް އެރި ކިނބުލުގެ ދިގު މިނުގައި 10 ފޫޓު ހުއްޓެވެ. ފުޅާ މިނުގައި 1 ފޫޓު 6 އިންޗި ހުއްޓެވެ. އަދި ކިބުލުގެ ކޮންމެ ދަތެއްގައިވެސް ދޮޅު އިންޗި ހުއްޓެވެ.
ކިނބޫ މަރާލިތާ ހަ އަހަރު ފަހުން އަނެއްކާ ވެސް ހަތަރު ފޫޓުގެ ކިނބުލެއް ބުރުނީ ފަޅުތެރެއިން ފެނުނުނެވެ. ފުރަތަމަ ފަހަރު ކިނބުލުގެ ހާދިސާ ބުރުންޏަށް ބޮޑުވިނަމަވެސް ފަހުން ފެނުނު ކިނބޫ މަރާލުން ބުރުނީ މީހުންނަށްވީ ވަރަށް ފަސޭހަ ކަމަށެވެ. މަރާލީ މޫދުގައި އޮއްވާ ވަޅިއެއް ޖަހައިގެނެވެ. މިހާރު ގާސިމް ބެއަށް ވެސް އަދި ބުރުނީ މީހުންނަށް ވެސް ކިނބުލަކީ އާ އެއްޗެއް ނޫނެވެ. ބޮނޑާއި ކިނބޫ ވަކިކުރަން ރަނގަޅަށް އެނގެ އެވެ.