ދިވެހި ހާރިޖީ ސިޔާސަތަކީ އެހެން ގައުމުތަކާ ދެމެދުގައި "ކޮމާޝަލް ޑިޕްލޮމަސީއެއް" އުފެއްދުން ކަމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދިވެހި ހާރިޖިއްޔާއަށް 78 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ހާރިޖިއްޔާ މިހާރު ވަނީ ތަސައްރަފު ފުދިފައި ކަމަށާއި، ހާރިޖިއްޔާގެ ސިޔާސަތު މިހާރު ކަނޑައެޅިފައި އޮތީ "ކޮމާޝަލް ޑިޕްލޮމަސީ" އެއް އެހެން ގައުމުތަކާއި ދެމެދުގައި އުފެއްދުމަށް ކަމަށެވެ.

"ކޮމާޝަލް ޑިޕްލޮމަސީއެއް އަށަގަނެވޭތޯ އަޅުގަނޑުމެންގެ ހާރިޖިއްޔާއިން ދަނީ މަސައްކަތް ކުރަމުން. ހަގީގަތަށް ދަންނަވާނަމަ ކޮމާޝަލް ޑިޕްލޮމަސީ އެއްގައި ދޭދޭ ގައުމުތަކުގެ މެދުގައި މަންދޫބުން ފޮނުވައި މަޝްވަރާކުރެވެނީ އެ ގައުމެއްގެ މަސްލަހަތަށްޓަކައި. އޭގެ މާނައަކީ ހަނގުރާމައަކުން ސަލާމަތް ވުމަށް ނުވަތަ ރަނގަޅު ވިޔަފާރީގެ ޑީލްތަކެއް ނެގޯޝިއޭޓު ކުރުން،" ނަސީމް ވިދާޅުވި އެވެ.
~
ރާއްޖެއަށް ޑިމޮކްރަސީ އައުން ވެގެން ދިޔައީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅަކަށް ކަމަށާއި، ރާއްޖެ ޑިމޮކްރެޓިކް ގައުމަކަށް ވުމާ ގުޅިގެން އެހެން ގައުމުތަކުން ދިވެހިރާއްޖެ ބަލައިގަންނަ މިންވަރު އިތުރުވެފައިވާކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ފިޔަވަޅުތަކެއް ކުރިޔަށް އެޅިފަ. އެއީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުން. ޑިމޮކްރަސީ ގެނެވުނީމާ މިވާގޮތަކީ އެހެން ގައުމުތަކުން އަޅުގަނޑުމެން ބަލައިގަންނަލެއް މާ ފުރިހަމަ. މިހެންވީމާ އަޅުގަނޑުމެންނަށް ރައްޔިތުންގެ ނަމުގައި ވާހަކަ ދެއްކުމަށް ތަންކޮޅެއް ފަސޭހަ ވޭ،"
މިހާރު ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވާގޮތުން އަވައްޓެރި ގައުމުތަކުންނާއި، އެހެން ގައުމުތަކުން ދިވެހިރާއްޖެ އާއި މެދު ވަރަށް ގާތް ގުޅުމެއް ބާއްވާކަމަށާއި، ދިވެހި ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ކުޅެވޭ ރޯލު އިތުރުވެފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެގެ ހާރިޖީ ސިޔާސަތު މިހާރު ކުރިއަށްދާ ބީދައިން ކުރިއަށް ދާނަމަ ދުނިޔޭގެ އެކިއެކި ކަންކަމުގައި ދިވެހިރާއްޖެއަށް ވަރަށް ފުންނާބު އުސްކޮށް މަސައްކަތް ކުރެވޭނެކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު މިހާރު މިދާ މިސްރާބުން ކުރިއަށްދާނަމަ، އަޅުގަނޑުމެންނަކީ އިންޑިއާ ކަނޑުގައި އޮތް ކުޑަ ކުޑަ ޖަޒީރާއެއް ކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަކީ ދުނިޔޭގެ އެކި އެކި ކަންތައްތަކުގަ ވަރަށް ފުންނާބު އުސްކޮށް މަސައްކަތް ކުރެވޭނެ ބައެއް ކަމަށް އަޅުގަނޑަށް ފެނޭ،"