ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެހީދޭ ދައުލަތްތައް ފިޔަވައި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ ޢަދަދުގެ ޖުމްލަ އެއްހާސް މިލިއަން ޑޮލަރަށްވުރެ ބޮޑުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި ލިބެންހުރި އިންވެސްޓްމަންޓްތަކާއި، އެކަމުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


މިދިޔަ ހަފްތާގައި ރާއްޖޭގައި ބޭއްވުނު ޑޯނަރ ކޮންފަރެންސަށް ބައްލަވައިލައްވަމުން، ތިންއަހަރު ދުވަހުގެ ތެރޭގައި، ޖުމްލަ ތިންސަތޭކަ ތޭރަ މިލިއަން އެމެރިކާ ޑޮލަރު، އެކިޤައުމުތަކުންނާއި، ޖަމްޢިއްޔާތަކުންނާއި، އެކިފަރާތްތަކުން ރާއްޖެއަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވަނީ ލިބިވަޑައިގެންފައި ކަމަށާއި، މިކަމުން އެނގެނީ، ޤައުމުތަކުންނާއި އެކިއެކި ޖަމާޢަތްތަކުން ދިވެހިރާއްޖެއަށް ކުރައްވާ އިތުބާރާއި، އެބޭފުޅުން މި ސަރުކާރާ އެކީގައި ތިއްބެވި ކަމުގެ ފުރިހަމަ ހެކި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ތިންސަތޭކަ އެތައް މިލިއަނެއްގެ ހިލޭ ފައިސާއަކީ ނުވަތަ ލޯނު އެހީ ފައިސާއަކީ ރާއްޖޭގެ ހިންގުމުގެ ނުވަތަ ބަޖެޓަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރަށް ދެއްވުމަށް އެފަރާތްތަކުން އެއްބަސްވެވަޑައިގެންފައިވާ ފައިސާ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.


މި ތިން އަހަރު ދުވަހުގެ ތެރޭގައި، ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ރާއްޖެއަށް ވަންނާނެ ކަމަށް ލަފާކުރެއްވޭ އިންވެސްޓްމަންޓްތަކުގެ މައްޗަށް ބައްލަވައިލައްވަމުން، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަންޖެހޭ ތަރައްޤީ އެއީ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ މަޝްރޫޢަށް ގާތްގަނޑަކަށް ތިންސަތޭކަ މިލިއަން ޑޮލަރު ޚަރަދު ކުރެވޭނެކަން ހާމަކުރައްވަމުން، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމުގެ މަސައްކަތުގައިވެސް ތިންސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އަންނާނެ ކަމުގައި ވިދާޅުވި އެވެ. ގަން އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމަށް ޕްރައިވެޓް ޕާޓީއަކުން ގާތްގަނޑަކަށް ސާޅީސް މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ އައި.އެފް.ސީ.އާ އެކީގައި ބީލަމުގެ ޕްރޮސެސްއެއް ފެށިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަމަށް އިންވެސްޓް ކުރުމަށް ހަތްދިހަ މިލިއަން ޑޮލަރާ އެކީގައި ރާއްޖެއަށް ބަޔަކު އަންނާނެކަމީ، ސަރުކާރަށް މިހާރު ވަރަށް ބޮޑަށް ޔަޤީންކަމެއް ލިބިފައިވާ ކަމެއް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެޕޯލޯ ހޮސްޕިޓަލާ އެކީގައި ކުރެވިފައިވާ އެގްރީމަންޓްގެ ދަށުން އައި.ޖީ.އެމް.އެޗް ކުރިއެރުވުމުގެ ގޮތުން، އެތަނަށްވެސް މަދުވެގެން ވިހި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރައްވާ ކަމަށާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ހިންގަވާ ޕްރޮޖެކްޓްގެ ތެރެއަށްވެސް ފަންސާސް މިލިއަން ޑޮލަރު ވަދެގެންދާނެ ކަމަށް ލަފާކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ސަރުކާރުން ފެށުމަށް ޤަޞްދު ކޮށްފައިވާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢަށްވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދަކަށް ރާއްޖެއަށް ފައިސާ ވަދެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަތުމަށް މިއަހަރުގެ ފަހުކޮޅު ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އަދި މިއަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރުންނާއި، ޕަބްލިކް ސެކްޓަރުންނާއި ސަރުކާރުންވެސް ދިވެހި އިޤްތިޞާދުގެ ތެރޭގައި އިތުރު އިންވެސްޓްމަންޓްތައް ކުރަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރުމަށް ޤަޞްދުކުރާ ބައެއް ކަންތައްތައް ހާމަކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ރީ-ސްޓްރަކްޗަރ ކުރާއިރު، ރާއްޖޭގެ ކުޅިވަރު ޖަމްޢިއްޔާތައްވެސް ހިނގަމުންދާންވާނީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމުގައި ވިދާޅުވި އެވެ. މިބަދަލުތަކާއެކު ކުޅިވަރު ކުޅޭ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަށް ޕްލޭނެއްވެސް ހެދެންޖެހޭނެ ކަމަށާއި، "ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓް"އެއް ޤާއިމު ކުރައްވާނެ ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްސަބަބަކީ އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.