22 Jan 2011, 19:48
ސިންފަނީ ގޯޅީގައި ހުންނަ ސްޕެޝިއަލް އެންވޯއީ ޓްދަ ޕްރެޒިޑެންޓް އިބްރާހިމް ހުސައިން ޒަކީގެ ގެކޮޅުގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިރޭ 8:00 ޖަހާކަންހާއިރު ރޯވެފައި ވަނީ އިބްރާހިމް ހުސެއިން ޒަކީގެ އެއް އަނބިކަބަލަކު ދިރިއުޅުއްވާ މއ. އަތަމާ ގޭގައި ކަމަށެވެ. އަދި ރޯވެފައި ވަނީ އެގޭގައި ހުރި ކަރުދާސްތަކެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަލިފާން ރޯވި ވަގުތު އެގޭގައި އެކަކު ވެސް ނޫޅޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިއަކު ބުނީ ދެ ބުރިއަށް ހަދާފައި ހުރި އެގޭގެ ފުރާޅުން ވަރަށް ގަދަޔަށް ދުން އެރި ކަމަށެވެ. އަދި އެގޭގައި ހިފި އަލިފާންގަނޑު ނިއްވާލަން އެމްއެންޑީއެފުން ވަނީ ގޭގެ ފާރުމަތިން އަރައިގެން ކަމަށެވެ.
އެހެންނަމަވެސް އެހިސާބުގައި ދިރިއުޅޭ ޒަކީ އާ ގުޅުން ހުރި މީހަކަށް އަތަމާގޭގައި އެފަދަ ހާދިސާއެއް ހިނގިކަން އެނގިގެން އެ ގެއަށް ގޮސް ގޭގެ ދޮރު ހުޅުވައިދިން ކަމަށް ވެއެވެ.
އަތަމާގޭގައި ރޯވި އަލިފާންގަނޑު ވަނީ މާގިނަ އިރެއްނުވެ ނިއްވާލާފަ އެވެ.
އެ ގޭގައި މީހަކު ނެތިސް އަލިފާން ރޯވާން ދިމާވީ ކީއްވެގެންކަން ނޭނގޭ ކަމަށް އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އަލިފާންގަނޑު ނިއްވާ ލުމަށްފަހު އެމްއެންޑީއެފުން ދިޔަނަމަވެސް ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އެގޭގެ ފުރާޅު މައްޗަށް އަރާ ރޯވާން ދިމާވި ސަބަބު ތަހުގީގު ކުރަން ފަށައިފަ އެވެ.
---
20:13- އަތަމާގޭގައި ރޯވި އަލިފާން މިހާރު ވަނީ ނިވާލާފަ އެވެ. އެސަރައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެގޭގައި އެ ހާދިސާ ހިނގި ވަގުތު އެއްވެސް މީހަކު އުޅޭކަން އެނގިފައިނުވާ ކަމަށާއި އެމްއެންޑީއެފްގެ އޮފިޝަލު ވެސް އެ ގެއަށް ވަދެފައިވަނީ ފާރުމަތިން އަރައިގެން ކަމަށެވެ.
"ނަމަވެސް ބައެއް މީހުން ބުނޭ އަދި އެހާދިސާ ހިނގި ވަގުތު ގޭތެރޭގައި މީހުން އުޅުނު ކަމަށް ވެސް."
އަލިފާންގަނޑު ނިވައިލުމަށް ފަހު އެމްއެންޑީއެފްގެ ސިފައިން މިހާރު ގޮސްފައިވީނަމެސް ފުލުހުންގެ ފޮރެންސިކްޓީމް އެގޭގެތެރެއަށް ވަދެ ހަރަކާތްތެރިވަމުން އެބަދެ އެވެ.
8:00- ސިންފަނީ ގޯޅީގައި ހުންނަ ސްޕެޝިއަލް އެންވޯއީ ޓްދަ ޕްރެޒިޑެންޓް އިބްރާހިމް ހުސައިން ޒަކީގެ ގެކޮޅުގައި އަލިފާން ރޯވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނިގޮތުގައި ޒަކީގެ އެއް އަނބިކަނބަލަކު ދިރިއުޅުއްވާ އަތާމާ ގޭގައި އަލިފާން ރޯވެ އަނދަން ފެށީ މީގެ އިރުކޮޅެއް ކުރިންނެވެ. މިހާރު އެގެ ތެރެއަށް އެމްއެންޑީއެފްގެ ސިފައިން ވަދެ ހަރަކާތްތްތެރިވަމުން އަންނަ ކަމަށެވެ.
މިގޭގައި ދިރިއުޅޭ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ސިފައިން ވެސް ފުލުހުން ވެސް އަދި ސާފުކޮށެއް ނުދެ އެވެ.
"އަދިވެސް ދުން އަރަމުން އެބަދޭ ފުރާޅުން. މުޅި ސަރަހައްދުގައި ވަނީ ވަސް ހިފާފައި،" އޭނާ ބުންޏެވެ.
މައްޗަންގޮޅީ ސިންފަނީ ހުންނަ ގޯޅީގައި ހުންނަ އެއާޓެލްގެ ޝޯރޫމާ ޖެހިގެން ހުންނަ ގޭގައި ރޯވެފައި ވަނީ އެގޭގައި ހުރި ކަރުދާސްތަކެއްގައި ކަމަށް ވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނެ އެވެ. މުޅި ސަރަހައްދަށް ވަނީ ވަރަށް ގިނަ ބަޔަކު ޖަމާވެފައެވެ.