22 Jan 2011, 18:18
ޏ.ފުވައްމުލަކު ފުނާޑު އަވަށުގެ ޗަސްބިމުގައި ހުރި ގަސްތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ވަރަށް ބޮޑު ބައެއް އަނދައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، ފުނާޑު އަވަށުގެ ކުޅި އޮންނަ ސަރަހައްދުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 4.30 އެހާކަންހާއިރު ކަމަށެވެ. އަދި ސިފައިން އެ ސަރަހައްދަށް އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު 80 ޕަސަންޓް ކޮންޓްރޯލްކޮށްފައިވާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މިހާތަނަށް ބެލި ބެލުމުން އެސަރަހައްދުގައި ގަސްތުގައި ބަޔަކު ރޯކުރީ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ސަރަހައްދަކީ ކަރަންޓު ބޭނުންކުރާ ސަރަހައްދެއްވެސް ނޫން. އަލީފާން އަމިއްލައަށް ރޯވާންވީ އެއްވެސް ސަބަބެއް ނެތް."
އަލިފާންގަނޑު އެސަރަޙައްދުގެ ވަރަށް ބޮޑު ބައެއްގައި ހިފާފައިވާ ކަމަށާއި، އެ ސަރަހައްދުގައި އަދިވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.