22 Jan 2011, 17:55
އެމްޑީޕީން ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައްކަމުން އަންނަ ވާހަކަތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސަ މަނިކު ދޮގުކުރައްވައިފި އެވެ.
އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ބައިބަޔަށް ފެކްޝަންތަކަށް ބެހިފައިވާ ޕާޓީއެއް ނޫން ކަމަށާއި އެ ވާހަކަތައް ދައްކަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން އެފުއްދުމަށް ކަމަށެވެ.
~
"އެމްޑީޕީގެ ބައެއް މެންބަރުން އަބްދުﷲ ޝާހިދު ބޭރުކުރަން ވޯޓުދޭން އުޅެއޭ ކިޔައިގެން އެދައްކާ ވާހަކައަކީ ހަމަ ކަނޑައެޅިގެން ދޮގެއް. އެއީ ޑީއާރުޕީ ބައިބައިވެފައި އޮތީމަ އަޅުގަނޑުމެން ބައިބައި ކުރަން، ދައްކާ ވާހަކައެއް،" މޫސަ ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން އަބަދުވެސް ވޯޓުދެއްވަމުން ގެންދަވަނީ ޕާޓީ ލައިންގައި ކަމަށާއި އަދި ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދިނަސް އެހެން ކަމަކަށް ވޯޓު ދިނަސް ވޯޓުދޭނީ މުޅި ޕާލަމެންޓްރީ ގްރޫޕް އެކުގައި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކީ ވެސް، އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕަކީ ވެސް ބައިބަޔަށް، ފެކްޝަންތަކަށް ބެހިފަ އޮތް، އަދި ފެކްޝަންތަކަކަށް ބެހިގެންދާނެ ވެސް ބައެއް ނޫން. އިތުބާރުނެތް ކަމުގެ ވޯޓަކަސް އަދި އެހެން ވޯޓަކަސް، އެންމެން އެކައްޗެއް ކިޔާނީ. އަޅުގަނޑުމެންގެ ތެރެއަކު ބައިބައިވުމެއް ނޯންނާނެ."
އެމްޑީޕީގައި އޮންނަނީ ވަރަށް އެއްބައިވަންތަ ޕާލަމެންޓްރީ ގްރޫޕެއް ކަމަށާއި އެ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ރޭވުމެއް ރޭވިޔަސް، އަދި އެމްޑީޕީގެ ޕާލަމެންޓް މެންބަރުންނޭ ކިޔައިގެން ކިތަންމެ ވަރަކަށް ޙަގީގަތާ ޚިލާފް ވާހަކަ ދެއްކިޔަސް ދުވަހަކު ވެސް އެމްޑީޕީގެ "ބަދަހި" ސަފު ރޫޅާނުލެވޭނޭ ކަމަށް މޫސަ ވިދާޅުވި އެވެ.